ސަލްމާން ހާން

މިއަހަރު އެންމެ ކާމިޔާބު ވާނީ "ދަބަންގް 3"

މި އަހަރަކީ ބޮލީވުޑްގެ ވިޔަފާރި ވަރަށް ރަނގަޅު އަހަރެކެވެ. "އުރީ: ދަ ސާޖިކަލް ސްޓްރައިކް"، "ލުއްކާ ޗުއްޕީ"، "ބާރަތު" އަދި "ކަބީރް ސިންގް" ފަދަ ފިލްމުތައް އާދަޔާޚިލާފު ރަނގަޅަށް ބޮކްސް އޮފީހުގައި ނަތީޖާ ނެރުނުތަން ވަނީ ފެނިފަ އެވެ. ޚާއްސަކޮށް ވިކީ ކޯޝަލްގެ "އުރީ" އާއި ޝާހިދު ކަޕޫރުގެ "ކަބީރް ސިންގް" އަށް ލިބުނު ބޮޑު ކާމިޔާބު ހައިރާންވާހާ ވެއެވެ.

ސަންދީޕް ރެޑީ ވަންގާގެ "ކަބީރް ސިންގް" އަށް 250 ކްރޯޑު ލިބިދާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ ވަރަށް މަދު މީހަކަށް ނޫނީ މިކަން ވެދާނެ ކަމަށް ޚިޔާލަށް ވެސް ނުގެނެވެ އެވެ. ޝާހިދު އާއި ކިއާރާ އަދުވާނީގެ މި ފިލްމަށް ވަނީ 278 ކްރޯޑު ރުޕީސްގެ ވިޔަފާރިވެ މިއަހަރުގެ މިހާތަނަށް ނުކުތް އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމުގެ މަގާމު ލިބިފަ އެވެ.

"ޑްރީމް ގާލް" އާއި "ޗިޗޯރޭ" ވެސް ވަނީ ސުޕަ ހިޓް ވެފަ އެވެ. ނަމަވެސް "ކަބީރް ސިންގް" އާ ކައިރިއަށް ވެސް ނުދެވުނެވެ.

ކުރިޔަށް އޮތް ދެ ތިން މަސް ތެރޭ ރިލީޒް ކުރަން ވަރަށް ރަނގަޅު ފިލްމުތަކެއް އެބަހުއްޓެވެ. އަދި މީގެން ފިލްމެއް "ކަބީރް ސިންގް" ގެ ރެކޯޑް މުގުރާލައިފާނެ ކަމަށް ފިލްމީ ވިޔަފާރީގެ މާހިރުން ގަބޫލު ކުރެ އެވެ.

މިހާރު ރިލީޒްވާން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އުންމީދެއް އޮތީ "ހައުސްފުލް 4" އަށާއި "ވޯ" އަދި "ދަބަންގް 3" އަށެވެ. މީގެން ކޮންމެ ފިލްމެއްގައި ވެސް ޝާހިދުގެ "ކަބީރް ސިންގް" ގެ ރެކޯޑް މުގުރާލުމުގެ ގާބިލްކަން އެބަހުއްޓެވެ.

ބެލުންތެރިންގެ މެދުގައި ނެގި ޚިޔާލުހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި އެންމެ ގިނަ ބަޔަކު ގަބޫލު ކުރަނީ "ކަބީރް ސިންގް" ގެ ރެކޯޑް މުގުރާލާނީ ސަލްމާން ޚާނާއި ސޮނަކްޝީ ސިންހާގެ "ދަބަންގް 3" ކަމަށެވެ. އެއީ ވޯޓު ދިން މީހުންގެ 40 ޕަސެންޓެވެ. ރިތިކް ރޯޝަން އާއި ޓައިގަ ޝްރޮފްގެ "ވޯ" އަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވާނެ ކަމަށް 36 ޕަސެންޓް މީހުން ގަބޫލު ކުރާއިރު އަކްޝޭ ކުމާރުގެ "ހައުސްފުލް 4" އިން ރެކޯޑް މުގުރާނެކަމަށް 24 ޕަސެންޓް މީހުން ގަބޫލު ކުރެ އެވެ.

އޮކްޓޯބަރު ދޭއްގައި "ވޯ" ރިލީޒް ކުރާއިރު "ހައުސްފުލް 4" ރިލީޒް ކުރާނީ މި މަސް ނިމޭ ހިސާބުގަ އެވެ. އަދި "ދަބަންގް 3" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.