ލައިފްސްޓައިލް

އެކްޓްކުރަން ދަސްކޮށްދިނީ ސަލްމާން ޚާން: ސޮނާކްޝީ

ސަލްމާން ޚާންގެ "ދަބަންގް 3" ގައި ސޮނާކްޝީ ސިންހާ މިފަހަރުވެސް ކުޅެނީ "ދަބަންގް" ސިލްސިލާގެ ކުރީ ދެ ފިލްމުގައި ވެސް އޭނާ ކުޅުނު ރައްޖޯގެ ކެރެކްޓާ އެވެ. ސޮނާކްޝީ ބޮލީވުޑް ކެރިއަރު 2010 ގައި ފެށީ ވެސް "ދަބަންގް"ގެ ފުރަތަމަ ފިލްމުން ހަމަ މި ކެރެކްޓާ އިންނެވެ.

އެހެންކަމުން "ދަބަންގް"ގެ ވާހަކަ ދައްކާނަމަ އަބަދުވެސް ހަނދާން ހުންނާނީ ޗުލްބުލް ޕާންޑޭ އާއި ރައްޖޯ އެވެ. ސަލްމާން ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ "ދަބަންގް"ގެ ކޮންމެ ފިލްމެއްގައި ވެސް ސޮނާކްޝީ ބައިވެރިވާނެ ކަމަށެވެ.

ސަލްމާން މިގޮތަށް ބުނުމަކީ އޭނާއަށް ލިބުނު ވަރަށް ހިތްހަމަޖެހުމެއްގެ ގޮތުގައި ސޮނާކްޝީ ސިފަ ކުރެ އެވެ. ސަބަބަކީ އޭނާއަށް އެކްޓްކުރަންވީ ގޮތް ކިޔައިދީ ފިލްމީ ދުނިޔެއަށް ނެރުނީ ސަލްމާން ކަމަށް ވާތީ އެވެ. އަދި ސަލްމާން ވަރަށް ރަނގަޅަށް އޭނާއަށް އެކްޓިން ދަސްކޮށްދީފައިވާ ކަމަށް ސޮނާކްޝީ ގަބޫލު ކުރެ އެވެ.

ސޮނާކްޝީ ބުނި ގޮތުގައި ކެރިއަރާ ބެހޭ ގޮތުން ވެސް އޭނާ އަބަދުވެސް ސަލްމާންގެ ލަފާ ހޯދަ އެވެ. ކުޅޭނެ ފިލްމުތައް ނިންމަނީ އޭނާ ނަމަވެސް ސަލްމާންގެ ނަސޭހަތް އޭނާ އަބަދުވެސް އަޑުއަހަ އެވެ.

"ދަބަންގް"ގެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރޯލު ރަނގަޅުކަމުން އޭނާ ކަހަލަ ޅީދަރިން ބޭނުންވެގެން މީހުން ވަރަށް އުޅެ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ދަބަންގް 3" ގައި ސައީ މަންޖްރޭކަރް އާއި ކިއްޗާ ސުދީޕްގެ ވެސް މުހިއްމު ރޯލުތަކެއް ހިމެނެ އެވެ. ފިލްމު ރިލީޒްކުރާނީ އަންނަ ހުކުރު ދުވަހު އެވެ.