ހަބަރު

ގާ އަޅާ މެޝިނެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެ

ގާ އަޅާ މެޝިނެއްގެ ބެލްޓު ދަށުވެގެން ބިދޭސީއަކު މަރުުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ސަން ޝިޔާމް ކުންފުނީގެ ދަށުން ރިސޯޓެއް ގޮތަށް ތަރައްގީ ކުރާ ނ. ދިގުރަށުގައި މަސައްކަތް ކުރި ބިދޭސީއަކު ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓު ދަށުވެ ޒަހަމް ވެގެން އެ އަަތޮޅު މަނަދޫ ހޮސްޕިޓަލަށް އިއްޔެ އިރުއޮއްސުނު ވަގުތު ގެންދިޔަ ކަމަށާއި މެޝިނު ބެލްޓު ދަށުވީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށެވެ.

މަރުވި ބިދޭސީ މީހާއަކީ އެ ރިސޯޓް ހެދުމުގެ މަސައްކަތްތަކެއް ކުރާ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ލޭބަރަކެވެ.

ފުލުހުން މި މައްސަލަ ބަލާއިރު މިދިއަ އޯގަސްޓް 9، 2018 ގައި ވެސް ގާ އަޅާ މެޝިނެއްގެ ތެރެއަށް ވެއްޓިގެން ބިދޭސީއަކު މަރުވެފައި ވެއެވެ. އެ މީހާ މަރުވީ ލ. އަތޮޅުގައި ހަދަމުން ދިޔަ ރިސޯޓެއްގަ އެވެ.