އިންފޮމޭޝަން ކޮމިޝަނާ

އިންފޮމޭޝަން ކޮމިޝަނާ މަގާމުގެ އިންޓަވިއު އަނެއްކާވެސް ކެންސަލް

ހުސްކޮށް އޮތް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރަން މިއަދަށް ތާވަލްކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަ ނުވެގެން ކެންސަލް ވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ މަގާމުގެ ދައުރު މިދިޔަ ޖުލައި މަހުގެ ނިޔަކަށް ހަމަވެގެނެވެ. އޭނާގެ ދައުރު ހަމަވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެ އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މާގަމު ހުސްވެގެން ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ ފޮނުއްވާފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި ވަނީ އެ ހަތަރު ބޭފުޅުން އިންޓަވިއު ކުރުމެވެ. އެ ގޮތުން ކުރިމަތިލެއްވި ބޭފުޅުން ވަކިވަކީން އެ ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއު ކުރުމަށް އެޖެންޑާކޮށްފައިވެ އެވެ. ނަމަވެސް މިއަދު ހެނދުނު 9:30 ގައި އެ މަގާމަށް ކުރިމަތިލި މީހުން އިންޓަވިއު ކުރުން ފަށަން އޮތް ބައްދަވުން ކޯރަމް ނުލިިބިގެން ކެންސަލް ކުރީ އެވެ. މިއަދު ކެންސަލްވި ކޮމެޓީއަށް ކިޔާފައި ވަނީ މިދިއަ ދައުރުގަ އެވެ.

މަޖިލީހަށް ފޮނުވާފައިވާ

  • ހުސައިން ފިޔާޒު މޫސާ، އަތަމާގެ، ތ. ވިލުފުށި
  • އަހުމަދު ފަޔާޒު ހަސަން، މ. ހަޒާރީވިލާ
  • އަހްމަދު އާހިދް ރަޝީދު، ހ. ގްރޫއަ
  • ފާތިމަތު ސައުޝަން މ. ވެންކޫވަ

އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ އޮފީހެކެވެ. އެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވާލުމެވެ.