ހަބަރު

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ތިން ބޭފުޅެއްގެ ނަން ތަޅުމަށް

Oct 8, 2019

ހުސްކޮށް އޮތް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހަތަރު ނަމުގެ ތެރެއިން ތިން ނަމެއް ރައްޔިތުން މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މާގަމު ހުސްވެގެން ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ރައީސްއަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ ފޮނުއްވާފަ އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރައީސް ފާހަގަކުރެއްވި ހަތަރު ބޭފުޅުން އިންޓަވިއު ކޮށްފަ އެވެ.

ކޮމިޓީން އިންޓަވިއު ކުރި ހަތަރު ބޭފުޅުންގެ ތެރެއިން ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރި ތިން ނަމަކީ ހުސައިން ފިޔާޒު މޫސާ އާއި އަހްމަދު ފަޔާޒާއި، އަހުމަދަ ރަޝީދުގެ ނަމެވެ. ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ފާތިމަތު ޝައުޝަންގެ ނަން ތަޅުމަށް ފޮނުވަން ފާހެއް ނުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ ދައުރު މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެގެނެވެ. އޭނާގެ ދައުރު ހަމަވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެ އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސް ކަމެއްގެ ތެރޭގަ އެވެ.

އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އެ އޮފީހުގެ ބޭނުމަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރިހާ ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވައި ދިނުމެވެ.