ހަބަރު

އިންފޮމޭޝަން ކޮމިޝަނަރު ކަނޑައެޅުން މާދަމާގެ ޖަލްސާއަށް

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަންފުޅުތަކުގެ ތެރެއިން ބޭފުޅަކު ކަނޑައެޅުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް މާދަމާގެ ޖަލްސާގައި އިއްވާނެ އެވެ. ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު އެ ރިޕޯޓް ތަޅުމަށް އިއްވުމަށްފަހު، މާދަމާގެ ޖަލްސާގެ ވޯޓު ގަޑީގައި އެ ކަމަށް ވޯޓަށް އަހާނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އޭގެ ތެރެއިން ތިން ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެއީ ހުސައިން ފިޔާޒު މޫސާ އާއި އަހުމަދު ފަޔާޒުގެ އިތުރުން އަހުމަދު އާހިދު ރަޝީދު އެވެ. ކޮމިޓީން ތަޅުމަށް ފޮނުވަން ނުނިންމީ ފާތިމަތު ސައުޝަންގެ ނަމެވެ.

އޭގެ ތެރެއިން އިންފޮމޭޝަން ކޮމިޝަނަރު ކަމަަށް ކަނޑައަޅާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅާ އެވެ. ތިން ބޭފުޅުންގެ ނަމަށް ވަކިވަކިން ވޯޓަށް އަހާނެ އެވެ. ކޮމިޓީން ފޮނުވި ރިޕޯޓްގައިވާ ތަރުތީބުގައިވާ ގޮތުން ފުރަތަމަ އަހާނީ ފިޔާޒުގެ ނަމެވެ.

އިންފޮމޭޝަން ކަމަށް ކުރިމަތިލެއްވި ފަޔާޒަކީ މިހާރު އެވިޑް ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަ އެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި އެ މަގާމަށް ކުރިމަލެއްވި ފިޔާޒަކީ ރާއްޖެ ޓީވީގެ ކުރީގެ ސީއީއޯ އެވެ. ފިޔާޒަކީ ނޫސްވެރި ކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އެ އޮފީހުގެ ބޭނުމަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރިހާ ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވައި ދިނުމެވެ.