އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަދި ރާއްޖެ ޓީގެ ސީއީއޯކަން ކުރެއްވި ހުސައިން ފިޔާޒު މޫސާ އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން ތިން ނަމެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ތިން ނަމަށް ވަކިވަކިން ވޯޓަށް އެހިއިރު، އެ މަގާމަށް ފިޔާޒު އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރީ 72 މެންބަރުންގެ ވޯޓުންނެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒަށް މަޖިލީހުން ރުހުން ދިން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.
މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ފިޔާޒު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 19 އަހަރު ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. "އާފަތިސް" ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެންނެވި ފިޔާޒު ވަނީ "މިއަދު" އާއި "ހަވީރު" ނޫހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އޭގެ ތެރެއިން ތިން ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެއީ ފިޔާޒުގެ އިތުރުން އަހުމަދު ފަޔާޒާއި އަހުމަދު އާހިދު ރަޝީދު އެވެ. ކޮމިޓީން ތަޅުމާ ހަމައަށް ނުދިޔައީ ފާތިމަތު ސައުޝަންގެ ނަމެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ ދައުރު މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެގެނެވެ. އޭނާގެ ދައުރު ހަމަ ވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެ އެ ކޮމިޝަން މިހާތަނަށް އޮތީ ގާނޫނީ ހުސް ކަމެއްގެ ތެރޭގަ އެވެ.
އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި
އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އެ އޮފީހުގެ ބޭނުމަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރިހާ ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވައި ދިނުމެވެ.