ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެޖެންޑާ 19 އިގެ ސިޔާސަތުތަކެއް ނޭނގޭ ކަމަށާއި ސަރުކާރުން ރޭ އާންމު ކުރި ފަސް އަހަރުގެ ސްޓެރެޓެޖީކް އެކްޝަން ޕްލޭން (އޭއެސްޕީ) ގައި އެމްޑީޕީގެ އެޖެންޑާ 19 އިގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެންނަ ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިއުލާން ކުރި އިރު އެ ޕްލޭންގެ ދަށުން ރައްޔިތުންނަށް ކޮށްދޭނެ ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ކުރިން އުއްމީދު ކުރެއްވި ކަމަށެވެ.
ނަމަވެސް އެކްޝަން ޕްލޭންގައި މިދިޔަ އިންތިހާބުތަކުގައި އެމްޑީޕީން ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނަށް ވިއްކި އެޖެންޑާގައި 19 ގައި ހިމެނޭ އެއްވެސް ސިޔާސަތެއް އަދި ވައުދެއް ވެސް ސަރުކާރުގެ އެކްޝަން ޕްލޭންގެ ތެރެއިން ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެޖެންޑާ 19 ގައިވާ ސިޔާސަތުތަކަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރެއްސެއްވި ތަސައްވަރެކެވެ. އެކަމަކު ސަރުކާރަށް އެމްޑީޕީގެ އެޖެންޑާ 19 އިގެ އެއްވެސް ސިޔާސަތެއް ނޭނގެ އެވެ.
"ހިތާމައަކީ އެޖެންޑާ 19 އަކީ ކޯއްޗެއްކަން އަދި އެޖެންޑާ 19 ގެނެވުނު ގޮތް މިއަދު މި އޮތް ސަރުކާރަށް ނޭނގޭ ކަން. އަޅުގަނޑަށް އެނގޭ އެއީ މަނިކުފާނު [ނަޝީދު] އެއް ދުވަހެއްގައި ރަށެއްގެ ގޮނޑު ދޮށުގައި ކުރުއްސެވި ތަސައްވަރެއް ކަން. ރައްޔިތުންނާ ގުޅުން ހުރި އެތައް ކަމެއް އެ ތަސައްވަރުގައި ވޭ،" ޝިޔާމް ވިދާޅުވި އެވެ.
އިންތިހާބުތަކުގައި އެމްޑީޕީން ވިއްކި ވައުދުތައް ހާސިލުވާނެ ކަމަށް އުއްމީދުކޮށް ވޯޓު ދިން ރައްޔިތުން މިހާރު އެ ކަންކަން ހާސިލު ވެގެން ނުދާތީ މާޔޫސްވެފައި ތިބި ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަރުދާހުގައި ކިތަންމެ ގިނަ ކަމެއް ލިޔުނަސް އެ ކަން އަމަލީ ގޮތުން ތަންފީޒުނުވާނަމަ އެއީ މައްސަލައެއް ކަމަށެވެ.
"މިއަދު މި އޮތް ސަރުކާރު ނުކެޅެދިފައި އޮތް ކަން މި ފެންނަނީ. އަބަދުވެސް ކުރީގެ ސަރުކާރުން ނުނެއްޓިގެން މި އުޅެނީ. ރައްޔިތުން މި ސަރުކާރު ގެނައީ ކުރީގެ ސަރުކާރުގެ ވާހަކަ ދައްކަންތޯ އަޅުގަނޑު ސުވާލު ކޮށްލަން ބޭނުންވޭ." ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވި އެވެ،