ހަބަރު

ޖޭއެސްސީގެ އާންމުންގެ މެންބަރު ކަމަށް އަލުން ހުޅުވާލަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުން ތެރެއިން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން އަލުން ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

ޖޭއެސްސީގެ މެންބަރުގެ ތެރެއިން ރައްޔިތުން މަޖިލީހުން އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ތިން މީހަކު އެ މަގާމަށް ކުރިމަތިލި އެވެ. އެ ފުރުސަތު ހުޅުވާލީ، ޖޭއެސްސީގައި އާންމުންގެ ތެރެއިން އިންނެވި މެންބަރު އަބްދުލްހަންނާނު އަހްމުދުގެ ދައުރު ހަމަވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީގެ އާންމުންގެ މެންބަރު ކަމަށް ކުރިމަތިލާން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ ކުރިން އަމަލު ކުރަމުންދިޔަ މަޖިލީހުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

މިހާރު މަޖިލީހުގެ ގަވާއިދުގައި މަގާމުތަކަށް އެ ގޮތަށް އިއުލާން ކުރުމާ ގުޅޭ މަރުހަލާ ވަރަށް ތަފާތުވެފައިވުމުން ގިނަ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ޖުޑިޝަރީ ކޮމިޓީން ވެސް އަލުން އެ ކަމަށް އިއުލާން ކުރުމަށް އެދިފައިވާ ކަމަށެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ކުރިން ކުރިމަތިލި މީހުން

  • ހާލިދު ގާސިމް، ކ. ތުލުސްދޫ، ރޯޒީ
  • އަހުމަދު މަނިކު، ގ. މަލްވިނަ
  • މިރުފަތު ފާއިޒު، މޗ. ރަންފަހި

ޖޭއެސްސީ ގާނޫނުގެ ތިން ވަނަ މާއްދާގެ ހަ ވަނަ ނަންބަރުގެ ދަށުން ޖޭއެސްސީ އަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ ފަސް އަހަރަށެވެ. ދައުރު ހަމަވުމުން އެ މީހަކު އަލުން އެ ކޮމިޝަނަށް އައްޔަން ނުކުރެވޭނެ އެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައިވާ ގޮތުން ޖޭއެސްސީގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ރައީސްގެ ފަރާތުން އިންނަވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ ތެރެއިން މެންބަރެއްގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނައިބުގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެކެވެ.