މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވެއްޖެ

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ، މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައި ވާތީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ދީނީ އިލްމުވެރިޔާ ޝައިހު އަލީ ޒައިދު ވިދާޅުވީ އެ ރިޕޯޓް ހެދި މީހުންގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށެވެ. މުއައްސަސާތަކަށް އެކަމަށް ގޮވާލަމުން ޒައިދު ވަނީ ރިޕޯޓް ލިޔުނު މީހުން ރާއްޖޭގެ ގާނޫނާއި ޚިލާފު އަމަލެއް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގޮވާލަން އެމްޑީއެން ވަގުތުން ބަންދު ކުރުމަށް." ހޯމް މިނިސްޓްރީން ރަޖިސްޓްރީ ކޮށްދީފައިވާ އެ ޖަމިއްޔާ އުވާލަންޖެހޭ ކަމަށް ވެސް ޒައިދު ވިދާޅުވެފައި ވެއެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ އެންޑީއޭއަކީ ދިވެހިންގެ ބަޔަކު ހިންގާ ޖަމިއްޔާއެއް ނަމަވެސް އެމީހުންގެ ކިބައިން ބަރީއަވާންޖެހޭ ކަމަށެވެ. އިޔާޒު ވެސް ވަނީ އެ ޖަމިއްޔާ އުވާލަން ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ އިސްލާމް ދީނުގެ އަސާސްތަކާއި، ކީރިތި ގުރުއާނާއި، ކީރިތި މާތް ނަބިއްޔާއަށް ނިސްބަތްވާ ގޮތަށް ބަދުބަސް ބުނެ ރިޕޯޓު ލިޔުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށެވެ. އެހެން ކަމުން އެމްޑީއެންގެ މައްސަލަ އަވަހަށް ބެލުމަށް ފުލުހުންގެ މުއައްސަސާއަށް އޭނާ ގޮވާލައްވާފައިވެ އެވެ.

ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ ހުރިހާ ގޮތަކުން މީސްތަކުންނަށްވާ އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވާ މާތް ނަބިއްޔާ އަކީ ހަރުކަށި ބޭކަލެއް ކަމަށް ދޭހަވާ އިބާރާތެއް ބުނެފި މީހަކު ވަގުތުން ތައުބާ ވާން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ ބެލެންވާނެ ކަމަށވެ.

"ﷲ ގެ ޒާތުފުޅަށް އަދި މާތް ނަބިއްޔާއަށް ބަދުބަހެއް ރައްދުވާން މުސްލިމުން ނޭދޭނެ." އިލްޔާސް ޖަމާލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޑިމޮކްރެޓިކް ނެޓްވޯކުން ނެރުނު ރިޕޯޓާ ގުޅޭ މައްސަލައެއް ހުށައެޅިފައިނުވާ ކަމަށެވެ.

ނަމަވެސް ޑިމޮކްރެޓިކް ނެޓްވޯކްގެ މީހުން ހިމެނޭ ގޮތަށް ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެމީހުންގެ މައުލޫމާތު ހިމަނާ، އެމީހުންނަކީ އިސްލާމްދީން ނައްތާލަން މުގުލުގައި ތިބި މީހުން ކަމަށް ބުނެ އެމީހުންނާމެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލައެއް ހުށައެޅިފައިވާތީ އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

"އެ ތަހުގީގުގެ ތެރެއިން ތިޔަ މައްސަލަ ވެސް ބަލާނެ ކަމަށް ދަންނަވަން." ޑިމޮކްރަސީ ނެޓްވޯކްގެ މައްސަލަ ނުބަލަންތޯ ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ގްރޫޕެއްގައި ސުވާލު ކުރުމުން ފުލުހުން ބުނެފައި ވެއެވެ.