ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް ގޮތް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ފުރައްސާރަ ކުރި މައްސަލާގައި އެ ޖަމިއްޔާއިން މާފަށް އެދިއްޖެ އެެވެ.
އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ. އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ.
އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް އެމްޑީއެންއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވައާއި ވާހަކަތައް ގެނެވިފައި އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެ ޖަމިއްޔާއިން ގަބޫލު ކުރާ ކަމަށެވެ. އެ ރިޕޯޓަކީ 2015 ވަނަ ތައްޔާރުކުރި ރިޕޯޓެކެވެ.
"ރިޕޯޓު ގެނެވިފައި އޮތް ގޮތުން އާންމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާކަން ދެނެގަނެ، ރިޕޯޓުގައިވާ މިދެންނެވިފަދަ ބައިތަކަށް ނިހާޔަތަށް މައާފަށް އެދެން، މީގެ އިތުރުން، ރިޕޯޓު ވަގުތީގޮތުން އަނބުރާ ގެނެސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހު ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަން،" އެމްޑީއެންއިން ބުންޏެވެ.
ނޫސް ބަޔާނުގައި އިތުރަށް ބުނީ އެ ޖަމްއިއްޔާއަކީ އިސްލާމްދީނަށާއި ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހުތިރާމްކުރާ ޖަމްއިއްޔާއެއް ކަމަށާއި މީގެ ފަހުން އެ ޖަމްއިއްޔާގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ފާއިތުވީ ދުވަސްތަކުގެތެރޭގައި މި ރިޕޯޓާ ގުޅިގެން ބައެއް ފަރާތްތަކުން މި ޖަމްއިއްޔާއަށާއި، ޖަމްއިއްޔާގެ މެންބަރުންނާއި މުވައްޒަފުންނަށް ނުހަނު ގިނައިން ފުރައްސާރަކޮށް، އިންޒާރުދީ، ފުރާނައަށް ގެއްލުންދޭނެ ކަމަށް ބުނަމުން އެބަ ގެންދޭ،" ބަޔާނުގައިވެ އެވެ.
ފުލުހުން ވެސް މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. ރިޕޯޓާމެދު އުފެދުނު ހިތްހަމަނުޖެހުން ސުލްހަވެރިކަމާއެކު ހިއްސާކޮށް، ގޯހެއް ހެދިފައިވާނަމަ އެކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވުމަކީ ޒިންމާދާރު ގޮތް ކަމުގައި ދެކެ، އެގޮތަށް އަމަލުތައް ބެހެއްޓުމަށް އެމްޑީއެންއިން ވަނީ ގޮވާލާފަ އެވެ.