ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅިފަޅުން ފްލެޓްގަތް މީހުންނަށް އަވަސް ހައްލެއް ހޯދައިދޭނަން: ރައީސް

ގުޅީފަޅު މަޝްރޫއުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ މައްސަލައަށް ދާއިމީ އަދި އަވަސް ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ބައެއް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ގުޅީފަޅުންފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުން ވަނީ މި މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، މިކަމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި، މިކަމުގައި އެމީހުން އެދޭގޮތް ސާފުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މި މައްސަލައަކީ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައަކަށްވާތީ، މިކަމަށް ދާއިމީ އަދި އަވަސް ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި، މިކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަންތައްތައް ބައްލަވާދެއްވާނެ ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވެންދެން ކުރައްވަންޖެހޭ ކަންތައްތައް މީގެ ފަހުން ކުރިއަށް ގެންދަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެއްލެވުމުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވެއިވެއެވެ.

މި ސަރުކާރުން ހުޅުމާލޭގައި އަލަށް ގާއިމް ކުރާ ފްލެޓުތަކުން އެންމެ ފުރަތަމަ ފްލެޓު ދޭނީ ގުޅީފަޅުން ފްލެޓު ގަނެ، ބޯހިޔާވެހިކަން ނުލިބުނު ފަރާތްތަކަށް ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅުގައި ފްލެޓުތަކެއް އަޅައި އެ ފްލެޓުތައް ގަތް ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ވެސް ނަގާފައިވެ އެވެ. ނަމަވެސް ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި ގުޅީފަޅުން ފްލެޓު ގަތް ބައެއް ފަރާތްތަކަށް އެހެން މަޝްރޫއުތަކުގެ ތެރެއިން ފްލެޓު ދިން ނަމަވެސް ގިނަ މީހުން އަދިވެސް މާލޭގެ ކުދިކުދި ކޮޓަރިތަކުގައި ހާލުގައި އުޅޭތާ 10 އަހަރުވެއްޖެ އެވެ.