ސިއްހަތު

ހިތް ކަނާތް ފަރާތުގައި، ފުރަމޭ ވާތް ފަރާތުގައިވާ މީހެއް!

އިންސާނާގެ އެތެރެހަށީގެ ގުނަންތަކުގެ ތެރެއިން ހިތް އާއްމުކޮށް އިންނަނީ މޭގެ ވާތް ފަޅީފަ އެވެ. އަދި ލިވާ ނުވަތަ ފުރަމޭ އިންނަނީ ކަނާތް ފަޅީފަ އެވެ. ނަމަވެސް ގޯލްބްލެޑާގައި ދެ ހިލަ އިނދެގެން އޮޕަރޭޝަން ކުރަން ދިޔަ ޖަމާލުއްދީން އަންސާރީ ކިޔާ 43 އަހަރުގެ ފިރިހެނެއްގެ (ފޮޓޯގައި) ހަށިގަނޑު ތެރޭގައި ގުނަވަންތައް އެތުރިފައި ހުރި ގޮތުން އޭނާއަށް ފަރުވާދިން ޑޮކްޓަރުން ވެސް ވަރަށް ހައިރާންވި އެވެ

އިންޑިއާގެ ކުޝީނަގަރް ޑިސްޓްރިކްޓް ހޮސްޕިޓަލުގެ ޑޮކްޓަރުން ބެލި ބެލުމުން އެނގުނީ އަންސާރީގެ ހިތް އިނީ މޭގެ ކަނާތް ފަރާތުގައި ކަމެވެ. އަދި ފުރަމޭ އިނީ ވާތް ފަރާތުގައި ކަމެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ހާލަތެކެވެ. މި ހާލަތަކަށް ޑޮކްޓަރީ ބަހުން ކިޔަނީ ސިޓަސް އިންވާސަސް އެވެ. މި ހާލަތު ހުންނަ މީހުންގެ އެތެރެ ހަށީގެ ގުނަވަންތައް އެތުރިފައި ހުންނަނީ އެހެން މީހުންނާ ދިމާ އިދިކޮޅަށެވެ. ކަނާތްފަރާތުގައި ހުންނަންވާ ގުނަވަންތައް ވާތް ފަރާތުގައި އަދި ވާތްފަރާތުގައި ހުންނަންވާ ގުނަވަންތައް ކަނާތްފަރާތުގަ އެވެ.

މިހެން ހުރި ނަމަވެސް ގުނަވަންތަކުގެ މަސައްކަތް ބަރާބަރަށް ކުރާތީ ސިއްހީ މައްސަލައެއް ދިމާ ވެގެން ޗެކް ނުކުރާނަމަ މިކަން ނޭނގި އުމުރު ދުވަހު ވެސް ހުރެ އެވެ. އަންސާރީގެ އުމުރުން 43 އަހަރު ވީއިރު ވެސް އޭނައަށް މިކަން ނޭނގުނީ އެހެންވެ އެވެ. އޭނާގެ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ހުރީ އެ ފުށް މިފުށަށް ޖެހިފައި ކަން އޭނާއަށް އެނގުނީ ބަނޑުގައި ގޭސް ހެދޭ ވަރުން އުނދަގޫ ވެގެން ޑޮކްޓަރަށް ދެއްކުން ގޯލް ބްލެޑާގައި ހިލަ ހުރެގެން އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ.

އަންސާރީގެ ގޯލް ބްލެޑާ އިން ހިލަ ނަގަން އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނި ގޮތުގައި އެހެން މީހުންނަށް ވުރެ އަންސާރީގެ އޮޕަރޭޝަން ކުރަން އުނދަގޫވި އެވެ. ސަބަބަކީ ޑޮކްޓަރުން ތަމްރީނު ވެފައި ތިބެނީ ގުނަވަންތައް އަނެއް ކޮޅަށް ހުންނަ މީހުންގެ ސާޖަރީ ހަދަން ކަމަށް ވާތީ އެވެ.

ސިޓަސް އިންވާސަސް ހުންނަ މަޝްހޫރު މީހުންގެ ތެރޭގައި ލަވަކިޔުންތެރިޔާ އެންރިކް އިގްލިއޭސިސް އަދި އެކްޓަރު ކެތެރީން އޯހާރާ ހިމެނެ އެވެ. ސިޓަސް އިންވާސަސް ޓޯޓަލިސް ފުރަތަމަ ދެނެގަތީ 1643 ގައި އިޓަލީގެ ސާޖަން މާކޯ ސެވެރީނޯ އެވެ.