ޣައްސާން މައުމޫން

މާޔޫސް ނުވޭ، ގިލަންވެރިކަމުން ސަލާމަތްވާނެ: ޣައްސާން

ގައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމާމެދު މާޔޫސް ނުވުމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ގޮވާލައްވައިފި އެވެ.

ތުލުސްދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ޣައްސާން މައުމޫން ވިދާޅުވީ ގައުމުގެ ކަންކަން ގޯހުން ގޯހަށްދާ ކަމުގެ ޝަކުވާ ވަރަށް ގިނަ ރައްޔިތުން ކުރަމުން ގެންދާ ކަމަށެވެ. ދިއްފުއްޓަށް ވަޑައިގަތުމުން ވެސް އިވުނީ އެ ޝަކުވާތަކުގެ އަޑުތައް ކަމަށެވެ.

ޣައްސާން ވަނީ މާޔޫސް ނުވުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

"ގައުމުގެ ކަންކަން ގޯހުން ގޯހަށްދާ ކަމަށް ވިދާޅުވެ، މިއަދު ވެސް ދިއްފުށިން ބައްދަލްވި އެތައް ބަޔަކު ވާހަކަ ދެއްކެވި. އަޅުގަނޑު ދަންނަވާލަން އޮތީ އެ ރައްޔިތުންނަށް މާޔޫސްވެ ވަޑައިނުގަންނަވާށޭ. ދިވެހިންނަކީ ތާރީޚު ހެކިދޭގޮތުގައި، އަބަދުވެސް، ދިވެހިންނަށް ދިމާވެފައިވާ ގިލަންތަކުން އަމިއްލައަށް ސަލާމަތްވުމުގެ ގާބިލްކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވަވާފައިވާ ބައެކޭ." ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން 320 ދުވަސްވެއްޖެ ކަމަށާ ނަމަވެސް ރައްޔިތުންނަށް އުންމީދު ގެނެސް ނުދެވުނު ކަމަށެވެ. ބާރު އޮންނަނީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ވިދާޅުވެ ޣައްސާން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުން ޕީޕީއެމް / ކޮންގްރެސްގެ ކޯލިޝަނަށް މެޖޯރިޓީ ދިނުމަށް އެދިވަޑައިގެންފަ އެވެ.

އަދި ރައީސް ޔާމީން މިއަދުވެސް ހުންނެވީ ރައްޔިތުންގެ އުންމީދުތައް ހާސިލު ކޮށްދެއްވުމަށް ނުކުމެވަޑައިގެން ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން މިހާރުވެސް ނުކުމެވަޑައިގެން އެ އިންނެވީ 2023 ގައި ތި ބޭފުޅުންގެ އުންމީދުތައް.... ކީއްކުރަންތޯ، އުންމީދުތައް ފަހަނައަޅާދާ ވަރަށް ތި ބޭފުޅުންނަށް ޚިދުމަތްތައް ގެނެސް ދެއްވަން." ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން ވިދާޅުވި އެވެ.