ބޮލަށާއި މައިބަދައަށް ލިބިދޭ ގެއްލުމެއްގެ ސަބަބުން ބައެއް މީހުން އުމުރު ދުވަހަށް އެނދުމަތިކުރެ އެވެ. އެއީ އުސް ތަނަކުން ވެއްޓި ނުވަތަ އޭނޫން ވެސް ހާދިސާއަކާ ގުޅިގެން މައިބަދައަށާއި ބޮލަށް ލިބޭ ގެއްލުމުގެ ސަބަބުބް މީހާ ޕެރަލައިޒުވާތީ އެވެ. ޕެރަލައިޒަށް ފަރުވާ ކުރުމުގެ ގޮތުން ތަފާތު މެޑިކޭޝަންގެ ވައްތަރުތައް ހުރެ އެވެ.
ގިނަ ފަހަރަށް އޭގެ އެއްވެސް ފަރުވާއަކުން ޕެރަލައިޒް ވެފައިވާ މީހާ ރަނގަޅެއް ނުވެ އެވެ. އެކަމަކު މިހާރަކީ ހުރިހާ ކަމެއް ޓެކްނޮލޮޖީގެ އެހީގައި ކުރާ ޒަމަނާކެވެ. އެއީ ޕެރަލައިޒް ވެފައިވާ މީހަކަށް ވަގުތީ ފަރުވާ ދިނުމެއް ކަމުގައި ވިޔަސް އެވެ.
ތައި ބޯލްޓް އަކީ ފްރާންސްގެ ރައްޔިތެކެވެ. ގިނަ އަހަރު ތަކެއް ވަންދެން އޭނާ ވަނީ 40 ފޫޓު މަތިން ވެއްޓުމުގެ ސަބަބުން ކޮނޑުހުޅުން ތިރި އެއްކޮށް ޕެރަލައިޒްވެފަ އެވެ. ހިތްދަތި ހާލުގައި ގިނަ އަހަރުތަކެއް ވަންދެން އެނދުމަތި ވެފައިވަނިކޮށް ތައި ބޯލްޓަށް މިވަނީ ހިނިތުންވެވިފަ އެވެ.
މި ހިނިތުން ގެނުވުނީ "ބްރެއިން ކޮންޓްރޯލްޑް އެކްސޯ ސްކެލެޓަން ސޫޓެއް" ނުވަތަ ރޮބަޓޫ ސޫޓެއްގެ އެހީގަ އެވެ. މި ސޫޓުގެ އިލެކްޓްރިކް ޕޮއިންޓް ގޮސް ހުންނަނީ ބޮލުގަ އެވެ. ހިތާއި ސިކުޑީގެ ހަރަކާތްތައް ސޫޓަށް ދެނެގަނެވޭނެ ގޮތް ހަދަން އާޓިފިޝަން އިންޓެލިޖެންސްގެ ބޭނުން ކޮށްފައި ވެއެވެ. އެހެންކަމުން ތައި ބޯލްޓަށް މި ސޫޓު ވަރަށް ފަސޭހައިން ކޮންޓްރޯލް ކުރެވެ އެވެ. ސޫޓު ލައިގެން ހުންނައިރު ހީވާނީ ރައިޓް ގިޔަރެއްގައި ހުންނަ އެހެންނެވެ.
ފްރާންސުގެ ބަޔޯ މެޑިކަލް އިންޖީނިއަރިން ފާމެއް ކަމަށްވާ ސީއީއޭ އުފެއްދި ސޫޓު ލުމަށްފަހު ތައި ބޯލްޓް އެންމެ ފުރަތަމަ ބޭނުންވަނީ ކުޑަކޮށް ހިނގާށެވެ. މީގައި ވޮއިސް ކޮމާންޑުވެސް ހުރެ އެވެ. އެހެންކަމުން ތައި ބޯލްޓުގެ އަމުރު ސޫޓުގެ ބޮލުގައި ނުވަތަ ތައި ބޯލްޓުގެ ބޮލުގައި ހަރުކުރެވިފައިވާ ޗިޕަށް ދެނެގަނެވުނެވެ. ކޮމާންޑް ޗިޕަށް ލިބުނުތާ ފަސް ވަރަކަށް ސިކުންތު ފަހުން ތައި ބޯލްޓައް ހިނގައި ގަނެވުނެވެ.
ތައި ބޯލްޓު ބޭނުންވީ ވޮއިސް ކޮމާންޑުގެ ބަދަލުގައި ހިތުގެ އަލްގޯރިދަމްގެ އެހީގައި ޗިޕު މެދުވެރިކޮށް ހިނގައި ބިގައި އުޅޭށެވެ. ގިނަ އަހަރުތަކެއް ވަންދެން ޕެރަލައިޒް ވެފައި ވުމުގެ ސަބަބުން، ހިތުގެ އަލްގޯރިތަމްގެ އެހީގައި ތައި ބޯލްޓަށް ސޫޓު ކޮންޓްރޯލް ކުރަން ދެ އަހަރު ނެގި އެވެ. އަދި މިހާރު ތައި ބޯލްޓަކީ އެކަމަށް ފަރިތަ މީހެކެވެ.