ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

އަނެއްކާވެސް ޗައިނާ ސަފީރާ، ނަޝީދުގެ ކޯޅުން

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކުރީ ޗައިނާ ފަހަތުގައި އޮވެ ދިން އެއްބާރުލުމުގެ ސަބަބުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ އިކޮނޮމިކް ސަމިޓުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ޗައިނާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. ނަޝީދު ވިދާޅުވީ ރައީސް ޔާމީން ސަރުކާރުން، އޭރުގެ އިިދިކޮޅު ލީޑަރުން ހައްޔަރު ކުރީ ޗައިނާ ދިން އެއްބާރުލުމުގެ ސަަބަބުން ކަމަށެވެ -- މީގެ ކުރިންވެސް ނަޝީދު ވަނީ ތަކުރާރުކޮށް ޗައިނާ ރުޅި އަންނަ ޒާތުގެ ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އެ ވާހަކަތައް ދައްކަވާ ކޮންމެ ފަހަރަކު ޗައިނާ ސަފީރު ރައްދު ވެސް ދެއްވައެވެ.

ރައީސް ނަޝީދުގެ ވާހަކަތައް ރައްދު ދެއްވުމުގެ ގޮތުން ފުލުފުލުގައި ސަފީރު ވަނީ ގިނަ ޓްވީޓްތަކެއް ކުރައްވާފަ އެވެ. ސަފީރު ވިދާޅުވީ ނަޝީދު ދައްކަވާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. އަދި ގައުމުތަކާއި ޗައިނާއާ ގުޅުން ބާއްވަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމާ ބެހުމަކީ ޗައިނާ ކުރާނެ ކަމެއް ނޫންކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ގައުމުތަކާއި ގުޅުން ބަދަހިކުރަނީ ހަމަޖެހުމާއި، ސުލްހައާއެކު ގުޅުން ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ޗަައިނާއަކީ ގައުމުތަކާއި ރަނގަޅު ގުޅުމެއް އޮތް ގައުމެއްކަން ފާހަގަ ކުރައްވާ ސަފީރު ވިދާޅުވީ ރާއްޖެ އާއި ޗައިނާ ގުޅުމުން ރަމްޒު ކޮށްދެނީ ކުދި ގައުމުތަކާ ވެސް ގުޅުން ބަދަހި ކުރުމުގެ ގާބިލްކަން ޗައިނާއަށް ލިބިފައި ވުން ކަމަށެވެ. ޗައިނާއިން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ބަސް ނުކިޔާނެ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ. އަދި އެންމެ އިސްކަންދެނީ އިގުތިސޯދީ ކަންކަމުގައި ގައުމުތަކާއެކު މަސައްކަތްކޮށް ގުޅުން ވަރުގަދަ ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ޗައިނާ ސަފީރު ވަނީ އެ ގައުމާއި އިންޑިއާއާ ދޭތެރޭވެސް އޮތީ ރަނގަޅު ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާ - އިންޑިއާ ގުޅުން ހީނަރު ކުރަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޗައިނާ - އިންޑިއާ ގުޅުން ރަނގަޅުވުމުން އޭގެ ހެޔޮ އަސަރު ރާއްޖެއަށް ކުރާނެކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.

ސަފީރުގެ ޓްވީޓްތަކުގައި ޗައިނާއިން، އިންސާނީ ހައްގުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އިކޮނޮމިކް ސަމިޓުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ދާޚިލީ ކަންކަން ކޮންޓްރޯލް ކުރަން ޗައިނާއިން މަސައްކަތް ކުރާނަމަ އެކަން މައްސަލައަށްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖެއާއި ޗައިނާގެ ގުޅުން ވަރުގަދަކަން ފާހަގަކުރައްވާ އޭރުގެ އިިދިކޮޅު ލީޑަރުން ހައްޔަރުކުރީ ޗައިނާ ދިން އެއްބާރުލުމުގެ ސަަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ވަރަށް ސާފުކޮށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަަށް ވިދާޅުވެފައެވެ.