"ތިމަންނަ ހީކުރީ ލީގު މެޗެއް އޮތީ ކަމަށް،" ގަލޮޅު ދަނޑު މައި ގޭޓު ކުރިމަތިން ދިޔަ ބޭރު ޓޫރިސްޓަކު ކުރި ސުވާލަކަށް ޖަވާބު ދިނުމުން އޭނާ ހެވިލާފައި ހުރެ ބުނެލި އެވެ. އެއީ ހަގީގަތުގައި ވެސް ގަލޮޅު ދަނޑު ވަށައިގެން މިއަދު ހެނދުނުން ފެށިގެން ފެންނަމުންދާ މަންޒަރުން ކޮންމެ މީހަކަށް ވެސް ހީވެދާނެ ކަމެކެވެ.
ދަނޑުގެ މައި ގޭޓުން ފެށިގެން، ބަނަފްސާގެ މަގުގެ ކޮޅާ ހަމައަށް ދަމާލާފައިވާ ދިގު ކިޔޫގައި އެތަކެއް ސަތޭކަ ބިދޭސީން ތިބީ ފެންފުޅިތަކާއި ކާ އެއްޗެހިވެސް ހިފައިގެންނެވެ. ދަނޑުގެ ފުރާޅުން ކިރިޔާ ލިބޭ ހިޔާކޮޅުގައި ނިވާވެ، އެތަކެއް ގަޑިއިރެއް މިހާރުވެސް ހޭދަކޮށްފައިވާއިރު، މައި ގޭޓުން އެތެރެވެވޭނީ ކިހާއިރަކު ކަމެއްވެސް އެމީހުންނަކަށް ނޭނގެ އެވެ.
މައި ގޭޓުން އެތެރެވެވުނު މީހުން ބަނަފްސާ މަގާވީ ފަޅީގައި ހުރި ސްޓޭންޑް ވަނީ އެކީގައި ފުރާލައިފަ އެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އެތަކެއް ހާސް ބިދޭސީންނެއް ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އައި ދިގު އިންތިޒާރަށް އަލިމަގެއް ފެންނާނެ ކަމުގެ އުއްމީދުގައި ކިތަންމެ އިރަކު ކިޔޫގައި ތިބެންޖެހުނަސް އެމީހުންގެ ފަރުވާލެއް ނެތެވެ. މޫނު މަތިން ފެންނަނީ އާލާވެފައިވާ އުއްމީދެވެ. "ގަވައިދާ ހިލާފް" އެ ލަފްޒުން ބޭރުވެވޭނެ ކަމުގެ އަޒުމުގަ އެވެ.
"އަހަރެން [ރާއްޖޭގައި] މަސައްކަތް ކުރާތާ ފަސް އަހަރު ވަނީ. ރާއްޖެ ގެނެސް ގެސްޓް ހައުސަށް ލާފަ އޭޖެންޓް މީހާ ދަނީ. ވަޒީފާ ނުދެނީ. ޕާސްޕޯޓް ނުލިބެނީ،" އެ ދިގު ކިޔުގައި ހުރި ރާޖޫ ކިޔައިދިނެވެ. އެތަނުގައި ޖަމާވެ ތިބި އެންމެން ވެސް ކިޔައިދޭން އޮތީ ހަމަ އެކަހަލަ ވާހަކަތަކެކެވެ.
ބަންގްލަދޭޝް ފަދަ ގައުމުތަކުން ރާއްޖޭގައި މަސައްކަތް ކުރަން ގިނަ މީހުން އަންނަނީ ގެދޮރަށް ދާންދެން ވިއްކައިގެން ދަރާ ބޯވިކިގެންނެވެ. ނަމަވެސް، ބޮޑު މުސާރާ ލިބޭނެކަމުގެ ފޮނި ހުވަފެންތައް ދައްކައިގެން ރާއްޖެ ގެނެސް، މަގުމަތިވާން ދޫކޮށްލާފައިވާ އެތަކެއް ހާސް ބިދޭސީންނެއް ރާއްޖޭގައި އެބަ އުޅެ އެވެ.
އިމިގްރޭޝަނުން ލަފާ ކުރާ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ މައްޗެވެ. އެކަމަކު އެއީ ރަސްމީ އަދަދެވެ. ނުރަސްމީ އަދަދު އޭގެ ދެ ގުނައަށް ވުރެ މަތިވާނެކަމަށް ބައެއް ފަރާތްތަކުން އަންދާޒާ ކުރެ އެވެ.
ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.
އެންމެ ފުރަތަމަ އެ މަސައްކަތް ފެށީ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުންނެވެ. ކޮންމެ ދުވަހަކު އެންމެ 150 ނަންބަރު ދޫކުރިއިރު، ދަންވަރުން ފެށިގެން ދަމާލި ކިޔުގައި ޖެހުނު ބިދޭސީންނާއެކު އެ ޔުނިޓަށް ކަތާވަރެއް ނުވި އެވެ.
އެހެންކަމުން، އެ މިނިސްޓްރީން މިއަދު ހެނދުނުން ފެށިގެން ވަނީ މުޅީން އާ ނިޒާމެއް ގާއިމުކޮށްފަ އެވެ. ގަވައިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް ރެގިއުލަރައިޒޭޝަން އެޕޮއިންޓަމަންޓެއް ދޫކުރުމުގެ މަސައްކަތުގައި 50 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވަމުން އެބަދެ އެވެ.
"އަޅުގަނޑުމެން މި ކުރާ ކަމަކީ ރެގިއުލަރައިޒްވާން ބޭނުންވާ ބިދޭސީންގެ މައުލޫމާތު އޮންލައިންކޮށް ސިސްޓަމަށް އެންޓާކޮށްފައި، އެމީހުންނަށް އެޕޮއިންޓްމަންޓެއް މި ހައްދައިދެނީ މިތަނުން. އޭރުން އެމީހުން ދާންޖެހޭ ދުވަހަކާއެކު މެސެޖެއްދާނެ އެމީހުންގެ ފޯނަށް. އެ ހިސާބުން އެމީހުންގެ ރެގިއުލަރައިޒޭޝަން ޕްރޯސެސް ކުރިއަށްދާނެ،" މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޒަބީނާ އިބްރާހީމް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓަރީ ވާން ސަރުކާރުން ދީފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. ގަވާއިދާ ހިލާފު ބިދޭސީން ގެންގުޅޭ ކުންފުންޏެއްނަމަ އަލުން ރަޖިސްޓަރީ ކުރަން އޮންލައިންކޮށްހުށަހެޅޭ ގޮތް ވެސް ވަނީ ހަދާފަ އެވެ. އަދި އަމިއްލައަށް ވަޒީފާ ހޯދައިގެން އައިސް އެ ކުންފުނި މެދުވެރިކޮށް ރަޖިސްޓްރީވެވޭނެކަމަށް ވެސް ޒަބީނާ ވިދާޅުވި އެވެ.
ކިޔުގައި ހުރި ރުބެލް މިހާރު މަސައްކަތް ކުރަނީ ޖަމާލުއްދީން ސްކޫލް ކައިރީގައި ހުންނަ ހެދުން ވިއްކާ ފިހާރައެއްގަ އެވެ. މީގެ ފަސް އަހަރު ކުރިން އޭނާ އެންމެ ފުރަތަމަ ގެނައި ކުންފުނިން މުސާރަ ނުދޭތީ ފިލައިގެން އުޅެނިކޮށް އެ ފިހާރައިން ވަޒީފާ ލިބުނީ މީގެ ދެ އަހަރު ކުރިންނެވެ. ނަމަވެސް، އޭނާ އަތުގަ ވެސް ވިސާ އެއް ނެތެވެ. ޕާސްޕޯޓްވެސް ވަނީ މުއްދަތު ހަމަވެފަ އެވެ.
"ފިހާރަ ބޮޑު މީހާ ބުނަނީ އަހަރެން ނަގަނީ. ރަޖިސްޓްރީ ކުރީމަ އޭނަ ބުނީ އަހަރެން ނަގަނީ،" އުފަލުން ފޮޅިފައިހުރި ރުބެލް ބުންޏެވެ.
އެއީ އެއްބައި މީހުންނަށް ލިބިފައިވާ ނަސީބެކެވެ. ނަމަވެސް، ރުބެލްއާ ހިލާފަށް ދާއިމީ ވަޒީފާއެއްނެތި ނޫނީ މިހާރު ވަޒީފާ އަދާކުރާ ތަނުން ވަޒީފާގައި ބަހައްޓާނެކަމުގެ ޔަގީންކަން ނެތް ގިނަ ބަޔަކު ވެސް އެތަނުގައި ޖަމާވެފައި ތިއްބެވެ.
އޭގެ ތެރެއިން އެކަކީ ޕަރްވޭޒް އެވެ. އޭނާ ވެސް ރާއްޖެ އައީ މީގެ ފަސް އަހަރު ކުރިންނެވެ. ރިސޯޓެއް ހެދުމުގެ މަސައްކަތަށް ގެނައި ޕަރްވޭޒް، ރިސޯޓް ހަދައި ނިމުމުން އެ ކުންފުނިން ދޫކޮށްލީ އެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ކ. ތުލުސްދޫގައި ހުންނަ ގެސްޓް ހައުސްއެއްގަ އެވެ. އެހެނަސް، އެތަން މެދުވެރިކޮށް އޭނާގެ ވަޒީފާ ރަޖިސްޓްރީކޮށްދޭނެކަމުގެ ޔަގީންކަމެއް އަދިވެސް ނުދެ އެވެ.
"އަހަރެން އެހީމާ ނުބުނަނީ އަދިވެސް. ދެން ނޭނގެނީ ކިހިނެއް ހަދަނީ،" ޕަރްވޭޒް ބުންޏެވެ.
ނަމަވެސް، ޕަރްވޭޒް ކަހަލަ ވަޒީފާއެއްގެ ޔަގީންކަންނެތް މީހުންނަށްވެސް ފުރުސަތު ހޯދައިދޭނެކަމަށް މިނިސްޓްރީން ބުނެ އެވެ.
"ވަޒީފާ ނެތް މީހުންނަށް ބިދޭސީން ބޭނުންވާ ކުންފުނިތަކާއެކު ޖޮބް މެޗިންގެ މަސައްކަތްވެސް ކުރާނެ،" ޒަބީނާ ޔަގީންކަން ދެއްވި އެވެ.
އާއްމު ގޮތެއްގައި ފުލުހެއް ފެނުމުން ފިލަން ދުވާ ބަޔަކު، މިއަދު ތިބީ މައި ގޭޓުގައި ހުރި ފުލުސް މީހާއާ ހަމައަށް ދާން ކެތްމަދުވެފަ އެވެ. ދަނޑު ތެރެއަށް ވަދެވި، އޮފިޝަލަކާ ހަމައަށް ގޮސް، ގަވައިދުގެ ތެރެއަށް ވަދެވޭނެ ވަގުތެއްގެ ގަޑި ގުނާލަ ގުނާލަ އެވެ.
އެ އެންމެން ހިއްސާ ކުރަނީ އެތަކެއް އަހަރެއްގެ މާޔޫސްކަމެވެ. އުއްމީދުކުރަނީ އެ ހިތްދަތިކަމާއި ބިރުވެރިކަމަށް ނިމުމެއް އައިސް އެނބުރި ގައުމަށް ގޮސް އާއިލާއާ އަލުން ބައްދަލުވުމެވެ.
ކުރިން ވާހަކަ ދެއްކި ރުބެލް ވެސް ބުނީ އެހެންނެވެ. ފަސް އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށްފަހު ގަވައިދުގެ ތެރެއަށް ވަދެވުމާއެކު އޭނާ ބޭނުންވަނީ އެންމެ ކަމެކެވެ.
"އެންމެ ފުރަތަމަ ޗުއްޓީ ނަގަނީ. އަހަރެންދަނީ ރަށަށް ފެމިލީ ކައިރިއަށް."