ބިދޭސީން

ލޭބާ ވިލެޖް: ބިދޭސީންގެ މައްސަލައިގެ އެއް ހައްލު

May 10, 2020
7

ހަގީގަތަކީ މިއެވެ. ބިދޭސީންނާ ނުލައި އިގްތިސޯދު ނުހިންގޭނެ އެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ އިގްތިސޯދު ތަކުން ވެސް ފެންނަނީ މި ހަގީގަތެވެ. ނަމަވެސް މައްސަލަ ގޯސްވާ ހިސާބަކީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ ގިނަވުމެވެ. އެމީހުން މެނޭޖް ނުކުރެވި މައްސަަލައަކަށް ވެ އަތުން ދޫވެގެން ދިއުމެވެ. ރާއްޖެ އަށް ދިމާވެފައިވަނީ އެ މައްސަލަ އެވެ.

ރާއްޖޭގައި މިހާރު ދެ ލައްކައާ ކައިރި ކުރާ ވަރަށް ބިދޭސީން އެބަ މަސައްކަތް ކުރެ އެވެ. އަދި މާލެ ސަރަހައްދުގައި މީގެ ތެރެ އިން ލައްކައެއްހާ މީހުން މަސައްކަތް ކުރެ އެވެ. މީގެ ތެރެއިން 60،000 އަށްވުރެ ގިނަ ބިދޭސީންނަކީ "އަން ޑޮކިއުމެންޓެޑް" ނުވަތަ އެއްވެސް ލީގަލް ޑޮކިއުމެންޓެއް ނެތް މީހުނެވެ. ކޮވިޑް-19 އިގެ ބަލި މާލެ ތެރޭގައި ފެތުރެން ފެށުމާއެކު، މި އާބާދީގެ ތެރޭގައި ހަލުވިކަމާއެކު ބަލި ފެތުރެން ފެށުނު ސަބަބަކީ އެ މީހުންނަށް އެކަށީގެންވާނެ މާހައުލެއް ނެތުމެވެ. އެއް ތަނެއްގައި އެތައް ބަޔަކު ދިރިއުޅެމުން ދިއުމެވެ. ކަންކަން ބޮއްސުންލާފައި އޮތުމެވެ.

އެހެންވެ ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ބިދޭސީން އެއް ފަރާތް ކުރުމެވެ. ކުޑަ ތަންކޮޅެއްގައި އުޅެ ނިދައި ކައިބޮއެ ހަދާ ބިދޭސީން މާލޭން ބޭރު ކުރުމެވެ. މި ކަމަށް މިހާރު ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ބިދޭސީން ނަށް ވަގުތީ އެކޮމޮޑޭޝަން ތަކެއް މާލެއިން ބޭރުގައި ހެދުމެވެ. އެކަމަށްޓަކައި ގުޅިފަޅުގައި "ލޭބަ ވިލެޖެއް" ހެދުމުގެ ވިސްނުން އަނެކެއްކާ ވެސް މިވަނީ ތިލަކޮށްފަ އެވެ. މިއީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން މިހާރާއި މުސްތަގުބަލަށް ބަލާ ނަމަވެސް ރަނގަޅު ވިސްނުމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މި ވިސްނުމަކީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ގެނެވޭނެ އެއް ހައްލެވެ. މުޅި މައްސަލައިގެ ބޮޑު ހައްލުވާން އޮތީ އަދި ގިނަ ނިންމުން ތަކެއް ފުރިހަމަ ވެގެންނެވެ.

"ބިދޭސީން މައްސަލަ ހައްލު ކުރަން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ފޮނުވާލުން. އެކަމަކު އެ ހިސާބަށް ދެވެން ދެން ވެސް ކުރަންޖެހޭ ކަމެއް މިއީ، ބިދޭސީންނަށް ވަކިން ތަނެއް ހަދައި، އެ ކޮމިއުނިޓީ ވަކިކޮށްލުން. ސަރުކާރުން މިހާރު މި ގެންގުޅޭ ވިސްނުން ކަމުދޭ. އެކަމަކު މިއާއެކު ކުރަން ޖެހޭ އިތުރު ގިނަ މަސައްކަތްތަކެއް ވެސް އެބަހުރި،" ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވުމާއެކު އެމީހުން އެކި ތަންތަނަށް ބަދަލުކޮށް މާލެ ލުއި ކުރަން މަސައްކަތް ވަނީ ފަށާފަ އެވެ. މިގޮތުން އެއް ބަޔަކު ބަދަލު ކުރަނީ ހުޅުމާލޭގައި ހަދާ ވަގުތީ ހިޔާ ތަކަށެވެ. އަދި ގުޅިފަޅުގައި ވެސް މިފަދަ ވަގުތީ ހިޔާއެއް ދަނީ ހަދަމުންނެވެ. މީގެ އިތުރުން ސަރުކާރުން މިހާރު ނިންމާފައި ވަނީ ގުޅިފަޅުގެ ބިމުން 30 ހެކްޓަރުގެ ހިއްކައިގެން 40،000 ބިދޭސީން އެ ތަނަށް ބަދަލު ކުރާށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ބޯޓަކަށް އަރުވާލާފައި ފޮނުވައިލުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންވެ، ބިދޭސީން ގުޅިފަޅަށް ބަދަލު ކުރާން ނިންމީ އެކޮމަޑޭޝަން ތަކެއް ހަދައ، އެ މީހުންނަށް ވަޒީފާ ދިން މީހުން ކުލި ދައްކަންޖެހޭ ގޮތަަށެވެ.

"އަޅުގަނޑު އެ މީހުން ފޮނުވައިނުލާން އުޅެނީކީ ނޫން. އެހެން ނަމަވެސް ދުނިޔޭގެ ކޮމިއުނިޓީގެ ބަޔަކަށް ވާތީ އަޅުގަނޑުމެން ބަލަންޖެހޭ ބައިވަރު މިންގަނޑުތަކެއް އެބަހުރި. ބަންގްލަދޭޝްއާ އެއްކޮށް އޮންނަ ގުޅުންތަކެއް ވެސް އެބަހުރި. އެ ގުޅުމުގެ ތެރެއިން ބަންގްލަދޭޝްގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަންކަން ކުރަން މި ޖެހެނީ،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން ބިދޭސީން ފޮނުވާލަން ވެސް މަސައްކަތް ކުރެ އެވެ. އެކަމަކު މިއީ ގޮން ޖެހުން ބޮޑު އަދި ދުވަސް ނަގާނެ މަސައްކަތެކެވެ. ސަބަބަކީ މައްސަލާގައި މޫ ލާފައިވާލެއް ފުން ކަމެވެެ.

ބަންގްލަދޭޝް ސަރުކާރާ ގުޅިގެން އެ ގައުމުގެ މީހުން ފޮނުވާލަން މަސައްކަތް ކުރާއިރު އެއީ ގޮންޖެހުން ބޮޑު މަސައްކަތެވެ. ބައެއް މީހުންނަކީ އެއްވެސް ރަސްމީ ލިޔުމެއް ނެތް މީހުންނެވެ. އަދި އަނެއްބައި މީހުންގެ އަތުގައި ހުރި ރަސްމީ ލިޔެކިއުންތައް ހުންނަނީ މުއްދަތު ހަމަވެފަ އެވެ. އެހެންވެ އެއީ ވަރަށް ވުރެ ދަތި އަދި ބުރަ މަސައްކަތެވެ. ނަމަވެސް ސަރުކާރުން ވަނީ 1500 ބިދޭސީން ވަރަށް އަވަހަށް ފޮނުވާލާނެ ކަމަށް ބުނެފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަމްސީލް ކުރާ ޖަމިއްޔާ، އެސްއެމްއީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިބްރާހިމް ލަތީފު ވިދާޅުވި ގޮތުގައި އޭނާ އަމިއްލަ ތަޖުރިބާ އަށް ބަލާއިރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މީހުން ގައުމަށް ފޮނުވާލަން އެ ގައުމުގެ ބޭނުންވާ ކަމަށް ނުބެލެވެ އެވެ.

"މިއީ ޕާސަނަލް ތަޖުރިބާއެއް. މީހަކު ފޮނުވާލަން ޕާސްޕޯޓް މުއްދަތު ހަމަވެފައި އޮތް މީހެއްގެ ޕާސްޕޯޓް ހަދަން ދިޔައީމަ، އެބަ ބުނޭ އުފަން ދުވަހުގެ ސެފްޓިކެޓް ގެންނާށޭ، ކިހިނެއް ތޯ އެ މީހުން އުފަން ދުވަހުގެ ސެޓްފިކެޓް ގެންނާނީ. ވަރަށް ރޫޑުކޮށް އެމްބަސީން ވާހަކަ ދައްކާނީ ވެސް. ދެން ކިހިނެއްތޯ ދައުލަތަކުން އުޅެގެން މިކަންވާނީ" ލަތީފު ވިދާޅުވި އެވެ.

ބިދޭސީން މަސައްކަތްތެރިންނަށް ވިލެޖު ނުވަތަ އުޅޭވެ ރަނގަޅު ތަންތަން އެހެން ގައުމުތަކުގައި ވެސް ހަދާފައި ހުރެ އެވެ. ވިލެޖާއެކު މި މައްސަލަ އަށް ރަސްމީކޮށް ހަލެއް އަންނާނީ ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ހަރަކާތްތައް ހުއްޓުވި ގެނެވެ. މިކަން ކުރަން އަޅަން ޖެހޭ އެއް ފިޔަވަޅަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރަށް ފައިސާ ފޮނުވުން ހުއްޓުވުމެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ބިދޭސީން ވަނީ މުސާރައިގެ ގޮތުގައި 75.1 މިލިއަން ޑޮލަރު (ގާތްގަނޑަކަޑް 1.16 ބިލިއަން ރުފިޔާ) ފޮނުވާފަ އެވެ. އެންމެ ގިނައިން ފައިސާ ބޭރު ކޮށްފައި ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އެންމެ ގިނަ މީހުން އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

އެ ގައުމުގެ ރައްޔިތުން މިދިޔަ އަހަރު އެކަނި 486.38 މިލިއަން ރުފިޔާ ފޮނުވާފައިވެ އެވެ. ދެން ހިމެނެނީ ނޭޕާލް އަދި އިންޑިއާ މީހުންނެވެ. މި ދެ ގައުމުގެ މީހުން 104.22 މިލިއަން ރުފިޔާ ބޭރުކޮށްފައި ވެއެވެ. މިއީ ރަސްމީކޮށް ނުކުމެފައިވާ އަދަދެކެވެ. ނަމަވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފައިސާ ފޮނުވާ ހިސާބުތައް އެއްކޮށްލާނަމަ މި އަބަދު އެތަށް ގުނައެއް އިތުރު ވާނެ ކަމަށް ބެލެވެ އެވެ.

ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ފައިސާ ފޮނުވޭ ގޮތް ނުހުއްޓުވޭހާ ހިނދަކު މައްސަލައަށް އަވަސް ހައްލެއް ނެތެވެ.

"ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ފައިސާ ފޮނުވާ ގޮތް ބޭންކިން ސިސްޓަމްގެ ތެރެއިން ހޯދުން ވެސް މިއީ ކުރަން ޖެހޭ ކަމެއް. އޭރުން ވެސް މި ކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ. ފައިސާ ނުފޮނުވޭނަމަ އެމީހުން ގައުމަށް ދާން ބޭނުން ވާނެ،" ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފައިސާ ފޮނުވަނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ހަދާ ޓްރާންސެކްޝަންތަކުންނެވެ. އަނެއް ގޮތަކީ ބޭރަށްދާ މީހުންގެ އަތަށް ފައިސާ ދީގެން ފޮނުވުމެވެ. ރާއްޖެއިން ކޮންމެ މަހަކު އެތައް ބިދޭސީއަކު ގައުމަށް ދާއިރު، ބަންގްލަދޭޝް ފަދަ ގައުމު ތަކަށް އެ މީހުން ކޮންމެ މަހަކު އެތަށް ލައްކަ ޑޮލަރެއް ފޮނުވަ އެވެ.

އެހެންވެ، "ލޭބާ ވިލެޖް" ހެދުމުގެ ވިސްނުމަކީ މައްސަލައިގެ އެއް ހައްލު ކަމަށް ބުނެވި ދާނެ އެވެ. ސަރުކާރުން މިކަމަށް ފޯކަސް ބަހައްޓައި މަސައްކަތް ކޮށްފިނަމަ މި މައްސަލަ މުސްތަގަބަލްގައި ހައްލުވުމުގެ ފުރުސަތު އެބައޮތެވެ.