މޯލްޑިވްސް ޕޮލިސް ސާވިސް

ޒަހަމުތަަކަކާއެކު އޮތް މީހަކު ހުޅުދޫން ފެނިއްޖެ

އައްޑޫ ސިޓީގެ ހުޅުދޫގައި، ޒަޚަމްތަކަކާއެކު މީހަކު މަގުމަތީގައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 7:00 އެހާކަންހާއިރު، އައްޑޫ ސިޓީ ހުޅުދޫގެ ފްލެޓް ސަރަހައްދުގައި ޒަޚަމްތަކަކާއެކު މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމީހާއަށް ހަށިގަނޑުގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އެގޮތުން ބޮލުގައި އެއްޗަކުން ޖަހާ ވަރަށް ބޮޑަށް ފަޅާލާފައި ވެއެވެ. އަދި ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމުގެ ނިޝާންތައް ވެސް ފެންނަން ހުރި ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާއަށް މިހާރު ހުޅުދޫ ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހ ހާދިސާ ހިނގި އިރު 3800 މީހުންގެ އާބާދީއެއް އޮތް ހުޅުދޫގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، ކުށްކުުރުން އިތުރުވެފައިވާތީ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަންކަން ހައްލު ކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެ ރަށުގައި އުމުރުން 68 އަހަރުގެ އަންހެނަކަށް ހަމަލާދީ އޭނާގެ އަތުން ވަނީ ފޭރިފައި ވެއެވެ.