ދީނަށް ފުރައްސާރަ ކުރުން

ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅަން ގާނޫނެއް ހަދަނީ

އިސްލާމްދީނަށް ފުރައްސާކުރާ މީހުންނަށް ފިޔަވަޅު އަޅާ، ދޭނެ އަދަބުތައް ކަނޑައެޅުމަށް ގާނޫނެއް ހަދަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެފަދަ ގާނޫނެއް ހެދުމަށް މިނިސްޓަރު އަހުމަދު ޒާހިރު ނިންމަވާފައިވާ ކަމަށެވެ. އަދި އެ ނިންމެވުމަކީ މިއަދު އިސްލާމީ މަަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމަވާފައިވާ ނިންމުމެއް ކަމަށެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިނިސްޓްރީން ކުރަން ފަށާ އެ މަސައްކަތުގެ ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަ ހުށައަޅާފައެވެ. އަދި އެ ތަހުގީގު މިހާރު ފެށިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

އެމްޑީއެންގެ ވާހަކަތަކާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ދީނީ އިލްމުވެރިންނާއި، އާންމުން ގެންދަނީ ގޮވާލަމުންނެވެ. އިސްލާމްދީނާ، ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާއި ގުޅިގެން ރޭ ވެސް އިލްމުވެރިން ވަނީ ބައްދަލްވުމެއް ބާއްވާފައެވެ. އަދި މިއަދު މިނިސްޓަރު ޒާހިރުގެ އިސްނެންގެވުމަކަށް ގިނަ އިލްމުވެރިންނާއެކު ބައްދަލްވުމެއް ވަނީ ބާއްވާފައެވެ.

މީޑިއާތަކަށް ނުވަދެވޭގޮތަށް ބޭއްވި އެ ބައްދަލްވުމުގައި ނިންމި ކަންކަމުގެ ތަފްްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.