އެޑެން ހަޒާޑް ރެއާލް މެޑްރިޑްގެ ޖޯޒީގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑާއެކު ގުރަނާޑާގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެ ޓީމު މޮޅު ކޮށްދީފި އެވެ.
ރެއާލް މޮޅުވި ނަމަވެސް، މެދުކެނޑުމަކަށް ފަހު ސްޕެނިޝް ލީގްގައި ވާދަ ކުރަމުން އަންނަ ގުރަނާޑާއިން ވަނީ ދެ ވަނަ ހާފުގައި ރެއާލްގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ކުޅެނު ރެއާލްގެ ޑިފެންޑަރު ޑެނީ ކާވަހާލް ބުނީ، ގުރަނާޑާއިން ރެއާލްގެ ދަނޑުގައި ކުޅުނު ކުޅުމުން ތައުރީފް ހައްގު ކަމަށެވެ
ގުރަނާޑާގެ ގިނަ ކުޅުންތެރިންނަކީ، ދެ ވަނަ ޑިވިޝަންގައިވެސް އެ ޓީމު ވާދަ ކުރިއިރު ހިމެނުނު ކުޅުންތެރިންނެވެ.
ރެއާލްގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކަރީމް ބެންޒޭމާ އެވެ. އޭނާ ލަނޑު ޖެހީ ގެރެތު ބޭލް ދިން ހިތްގައިމު ޕާހަކުންނެވެ.
ދެ ވަނަ ލަނޑު ހަޒާޑް ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ގުރަނާޑާގެ ކުޅުންތެރިން ދިފާއު ކުރަން އުޅުނު ބޯޅަ ރެއާލްގެ މިޑްފިލްޑާ ފޭޑޭ ވަލްވޭޑޭ ހުރަސް އަޅައި އެ ބޯޅަ ދިނީ ހަޒާޑް އަށެވެ. ހެޒާޑް އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ގުރަނާޑާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯ މަތިންނެވެ.
ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ލުކަ މޮޑްރިޗެވެ. އޭނާ ޖެހި ލަނޑަކީ މޮޅު ލަނޑެކެވެ. ހަޒާޑްއަށް ލިބުނު ބޯޅަހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް އޭނާއަށް ފޮނުވާލާނެ ޖާގަ ނުލިބުމުން އޭނާ އެ ބޯޅަ ދިނީ އޭރިއާގެ ބޭރަށެވެ. އޭރިއާގެ ބޭރުން ދެ މީޓަރެއް ހައި ބޭރުގައި ހުރި މޮޑްރިޗް ވަނީ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލަފަ އެވެ.
ޗެމްޕިއަންސް ލީގްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ، ބެލްޖިއަމްގެ ކުލަބު ބުރޫޖް އާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުރި ތިބޯޓް ކޯޓްއާގެ ބަދަލުގައި ކުޅެން އެރި އަރެއޯލޯ އަށް ވަނީ މިއަދުގެ މެޗުން ފުރުސަތު ދީފަ އެވެ. ގުރަނާޑާގެ ކުޅުންތެރިން އޭނާގެ ގޯލަށް ވައްދާލި ފުރަތަމަ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. އެ ލަނޑު ކާމިޔާބު ކުރީ ޑާވިން މަޗިސް އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިން ކާމިޔާބު ކުރީ ޑޮމިނިގޯސް ޑުއަޓްރޭ އެވެ.
މެޗުގެ ނަތީޖާގެ ފަރަގު އެއް ލަނޑަށް ކުޑަ ކުރުމަށް ފަހު ގުރަނާޑާއިން ވަރަށް ރަނގަޅަށް ކުޅެމުން ދިޔަ އެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ހަމޭސް ރޮޑްރިގޭޒް އެވެ.