ވިޔަފާރި

ގުޅިފަޅު ބަނދަރު ނިންމައި 2022 ގައި ހުޅުވަނީ

މާލެ ވިޔަފާރި ބަނދަރު ގުޅި ފަޅަށް ބަދަލުކޮށް 2022 ގައި ނިންމައި، ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހާރު އާއްމުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ގޮތުން ގުޅިފަޅު ބަނދަރި 2022 ގައި އެއްކޮށް ނިންމާނެ އެވެ. އެސްއޭޕީގެ "ނޫ އިގްތިސޯދު" ބައިގައިވާ ގޮތުން މީގެ އިތުރުން ލައިޓް އިންޑަސްޓްރިއަލް މެންފެކްޗަރަލް ދެ ޒޯނެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ހަދާނެ އެވެ.

ގުޅިފަޅު ތަރައްގީ ކުރުމުގެ ގޮތުން، ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ހަދަން، ކޮންސެލްޓެންސީ ދޭން ސަރުކާރުން ވަނީ ކުންފުންޏަށް ހަވާލުކޮށްފަ އެވެ.

މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ޑެންމާކާއި ހޮލެންޑުގެ ޖޮއިންޓް ވެންޗާ (ޖޭވީ) އަކަށެވެ. މަސައްކަތް ހަވާލުކުރީ 1.6 މިލިއަން ޑޮލަރަށެވެ. މި މަސައްކަތް ކުރަނީ ހޮލެންޑުގެ ނިރާސް ކުންފުންޏާއި ޑެންމާކްގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ކުންފުނިންނެވެ. މީގެ އިތުރުން މި މަސައްކަތުގައި ސަބް ކޮންސެލްޓެންސީގެ ގޮތުގައި ހަރަކާތްތެރި ވާނީ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އާއި ބީޗްރޮކް ވެންޗާ އެވެ.

ހޮލެންޑުގެ ނިރާސް ކުންފުންޏަކީ ދުނިޔޭގެ މިފަދަ ބޮޑެތި މަޝްރޫއު ތަކެއްގައި ކޮންސެލްޓެންސީ ދީފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ލީބިއާގެ ޕޯޓުގެ މާސްޓަ ޕްލޭން ހަދައި ދިނުމުގެ އިތުރުން ޑެންމާކުގެ ތާރީހުގައި ހިންގި އޮފްޝޯ ވިންޑް ޓާބައިން އެންމެ ބޮޑު މަޝްރޫއަށް ކޮންސެލްޓެންސީ ދިނެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ބޮޑު ބަނދަރެއް ހެދުމުގެ ޕްލޭނެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެގޮތުން ބަނދަރެއް ހެދުމުގެ ގޮތުން ދުބާއީގެ ޑީޕީ ވޯލްޑަށް ހަވާލު ކުރަން 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ވެސް އުޅުނެވެ. ފަހުން އެ ކުންފުނިން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ. އޭގެ ފަހުން ފިލިޕީންސް ކުންފުންޏަކުން ވެސް ބަނދަރެއް ހެދުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ޔާމީންގެ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ.