އިމްރާން އަބްދުﷲ

އަނިޔާވެރި ކަމަށް މަގުފަހިވާނެ ބަސްމަގު ބޭނުން ނުކުރަން އެދެފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓުގައި އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ހުރި ކަމުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރުމުގައި އަނިޔާވެރި އަމަލުތަަކަށް މަގުފަހިވާ ގޮތަށް ބަސް ބޭނުން ނުކުރުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ވަނީ ހިމަނައިފަ އެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައިވެ އެވެ.

އެ މައްސަލާގައި ހޯމް މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައި ބުނީ އެ ރިޕޯޓްގައި ދިނާ ދެކޮޅު ވާހަކަތަކެއް ހިމެނި މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ފާހަގަވެގެން ފުލުހަށް ހުށަހެޅުމުން މައްސަލަ ތަހުގީގު ކުރެވެމުންދާ ކަމަށެވެ. އެ ކަމާ ގުޅިގެން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ހައްގުގެ ބޭނުން ހިފުމުގައި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހައަށް އިސްކަން ދިނުމަށް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

"އަނިޔާވެރި އަމަލުތަކަށް މަގުފަހިވާ ފަދަ ކަންކަމާއި ބަސްތައް ބޭނުން ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ." މިނިސްޓްރީން ބުންޏެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު އެ ރިޕޯޓްގެ މައްސަލަ މި އަހަރު ފެންމަތިވެ ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ގެންދަނީ އެ ޖަމިއްޔާ އުވާލުވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ. އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ޕެޓިޝަނެއް ވެސް ދަނީ ތައްޔާރު ކުރަމުންނެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ. އަދި ޔޫތް މިނިސްޓްރީން ވެސް ވަނީ ޖަމިއްޔާތައް އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފަ އެވެ.