ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކީ އިރާގް ކަމަށްވާއިރު، އޭގެ މުއްސަދިކަން ގައުމާއި އެ ގައުމުގެ ރައްޔިތުންނާ ހަމައަށް ނުފޯރާ ކަމަށް އިރާގުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ބައިވެރިން ބުނެފި އެވެ.
އިރާގުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ އަދަދާއި އެއްވަރަށް މީހުން ވަނީ ޒަހަމްވެސް ވެފަ އެވެ. އިރާގުގައި 40 މިލިއަނަށްވުރެ ގިނަ މީހުން އުޅޭއިރު ބޮލެއްގެ މައްޗަށް ޖެހޭ އާމްދަނީ އަކީ އެންމެ ހަ ޑޮލަރެވެ.
އިރާގުގެ އިގްތިސޯދު ހަލާކުވެފައި ވަނީ ހައްދު ފަހަނާ އަޅާގައިވާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ހަނގުރާމަ ކުރުމުގެ ބޭނުމުގައި ބޮޑު ބަޖެޓެއް އަސްކަރިއްޔާއަށް ދިނުމުންނެވެ. މި ހަނގުރާމައިގައި އިރާގުގެ އިންފްރާސްޓްރަކްޗާތައް ވަނީ ބިމާ ހަމަވެފަ އެވެ.
މުޒާހަރާގެ ބައިވެރިން ގަބޫލު ކުރާ ގޮތުގައި ގައުމަށް ލިބޭ އާންމުދަނީ ރައްޔިތުންނާ ހަމައަށް ނުފޯރައިގެން އުޅެނީ ސަރުކާރުގެ ތެރޭގައި ބައި އަޅަމުންދާ ކޮރަޕްޝަންގެ ސަބަބުންނެވެ. މުޒާހަރާ ކުރަން ފެށީ ވެސް ސަރުކާރު ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އާންމުވެ އެކަމާ އަޅާލާނެ ފަރާތެއް ނެތުމުގެ ސަބަބުން ކަމަށް މުޒާހަރާގެ ކަންކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ ބުނެ އެވެ.