ރާއްޖޭގެ ހައުސިން ދާއިރާ އަށް އެންމެ ބޮޑަށް އެހީވާ އެއް ކުންފުންޏަކީ އެޗްޑީއެފްސީ އެވެ. އަދި ހައުސިން ބާޒާރު އެންމެ އިތުބާރު ކުރާ އެއް ކުންފުންޏަކަށް ވެސް މި ކުންފުނިވާނެ އެވެ. ރާއްޖޭގެ ހައުސިން ބާޒާރު ދުޅަހެޔޮކަން ހިފަހަޓައި ދޭ އެއް ކުންފުންޏަކީ ވެސް އެޗްޑީއެފްސީ އެވެ. އެހެންވެ އެ ކުންފުނީގެ ވިޔަފާރި ފުޅާވުމަކީ ރާއްޖޭގެ ހައުސިން ދާއިރާ އަށް ލިބޭނެ ބޮޑު ކުރިއެރުމެކެކެވެ. އެހެންވެ އެޗްޑީއެފްސީ އިން މި ވަނީ ހައުސިން ދާއިރާ އަށް ފައިނޭންސް ހޯދަން ތަފާތު ދެ ވަސީލަތެއް ވިއްކަން ފަށާފަ އެވެ. މީގެތެރޭގައި ހިމެނެނީ "ބޮންޑް" އަކާއި "ޞުކޫކް" އެވެ. މި ދެ ވަސީލަތްވެސް ފަރުމާކޮށްފައިވަނީ ވަކިވަކި ފަރުދުންނާއި ޖަމާއަތް އަދި ޖަމާއަތްތަކަށް ފަހަށް ރައްކާ ކުރެވޭނެ ގޮތް ތަކެއް ހިމަނައިގެންނެވެ.
އެޗްޑީއެފްސީ އިން މިފަހަރު ވިއްކަން ހުޅުވާލާފައި ވަނީ ފިކްސްޑް އިންކަމް ބޮންޑު އަދި ސުކޫކު އެވެ. މި ދެ ވަސީލަތް ވެސް ވިއްކާ އަގަކީ 1000ރ. އެވެ. އަދި ބޮންޑާއި ސުކޫކުގެ މުއްދަތަކީ ވެސް 10 އަހަރެވެ. އަދި ޞުކޫކް އާއި ބޮންޑު މިދިޔަ މަހުގެ 22 އިން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވިއްކާނެ އެވެ.
މުޟާރަބާ ޞުކޫކު
އެޗްޑީއެފްސީ އިން ޞުކޫކު ވިއްކަން މަގުފަހި ވެގެން ގޮސްފައިވަނީ، 2012 ވަނަ އަހަރު އެ ކުންފުނީގެ އިސްލާމިކް ފައިނޭންސް ވިންޑޯ (އަމްނާ) ތައާރަފު ކުރުމާ ގުޅިގެންނެވެ. އަމްނާ ވެގެން ގޮސްފައިވަނީ އިސްލާމިކް ފައިނޭންސް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފުޅާވަމުން އަންނަ ދުވަސްވަރެއްގައި އާންމުންނަށް ޝަރީޢާ ހުއްދަ ކުރާ (އިސްލާމިކް) އުސޫލޫތަކުގެ މަތިން އިންވެސްޓް ކުރުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތަކަށެވެ. އެޗްޑީއެފްސީ މީގެ ކުރިން ދެ ފަަހަރެއްގެ މަތިން ޞުކޫކު ވިއްކާފައިވެ އެވެ. އެ ކުންފުނީގެ މީގެ ކުރިން ޞުކޫކު ވިއްކީ 2013 އަދި 2017 ވަނަ އަހަރު އެވެ. މި ދެ އަހަރު ވެސް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
މި ފަހަރު އެޗްޑީއެފްސީ އިން ވިއްކުމަށް ހުޅުވާލާފައިވަނީ 200,000 ޞުކޫކެވެ. މި ޞުކޫކެ ވިއްކުމަށްފަހު މި އިންވެސްޓްމެންޓް އިން ކުންފުންޏަަށް ލިިބޭ ފައިދާގެ 65 ޕަސެންޓް ގަންނަ ފަރާތް ތަކަށް އަހަރަކު ދެ ފަހަރު ބަހާނެ އެވެ.
ކޮންވެންޝަނަލް ބޮންޑު
އެޗްޑީއެފްސީ އަކީ ބޮންޑު ވިއްކައިގެން ފައިނޭންސް ހޯދުމުގެ ކާމިޔާބު ތާރީހެއް އޮތް ކުންފުންޏެވެ. އެ ކުންފުނިން 2013 ވަނަ އަހަރު ނެރުނު ބޮންޑަކީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް އަދި ރޭޓެޑް ބޮންޑެވެ. މި ބޮންޑު ގެ މުއްދަތު 2013 އިން 2018 އަށް، ފަސް އަހަރު ވެގެން ދިޔައިރު، ބޮންޑު ގަތް ފަރާތްތަކަށް އޭގައި ކަނޑައެޅިފައިވާ އުސޫލުން، ބޮންޑު ފައިދާ ދީ ވަނީ ހަލާސް ކުރެވިފަ އެވެ. އެހެންވެ މިއީ ބޮންޑު މިފަހަރު ގަންނަ ފަރާތްތަކަށް ލިބޭނެ އިތުރު ހިތް ވަރެކެވެ.
އެޗްޑީއެފްސީ އިން މި ފަހަރު ވިއްކަން ހުޅުވާލާފައިވަނީ 80,000 ބޮންޑެވެ. ފައިދާ އަހަރަކު ދެ ފަހަރު ބަހާގޮތަށް 10 އަހަރުގެ މުއްދަތަކަށް ހުޅުވާލާ މި ފުރުސަތުގައި ބޮންޑުގެ ރޭޓަކީ ހަތް ޕަސެންޓުގަ އެވެ. ބޮންޑު ގަންނަ ފަރާތްތަކަށް ހަތް ޕަސެންޓުގެ ފައިދާއެއް މި ބޮންޑުން ލިބޭނެ އެވެ.
ސެކަންޑްރީ މާކެޓުގައި ވިއްކާލެވޭ
ބޮންޑާއި ޞުކޫކު ގަތީމަ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ރާއްޖޭގެ ކެޕިޓަލް މާކެޓު އޮތީ މިވަގުތު ޅަފަހަތުގަ އެވެ. ނަމަވެސް ކެޕިޓަލް މާކެޓު ތެރެ އަށް ރައްޔިތުން ދަނީ މަޑުމަޑުން ވަދެ އެކަމަށް ހޭލުންތެރިވަމުންނެވެ. ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެކަށީގެންވާ ސެކަންޑްރީ މާކެޓުގައި ގަނެ ވިއްކޭނެ އިންސްޓްރޫމަންޓުތައް މަދުވުމަކީ ހިއްސާގެ ބާޒާރު ކުރިއަރައިގެން ނުދިއުމުގެ ސަބަބެކެވެ. ރާއްޖޭގައި އިންވެސްޓް ކުރާނެ ފުރުސަތުތައް މަދުވެފައި ކުރު މުއްދަތުގެ ގިނަ އިންވެސްޓްމެންޓް ތައް ވެސް ހުރީ ސަރުކާރުގެ ޓްރެޜަރީ ބިލް އަދި ޓީ ބޮންޑުތަކުގަ އެވެ. ނަމަވެސް ޓްރެޜަރީ ބިލް ރޭޓު 4.6 ޕަސެންޓެވެ. އަދި ވިޔަފާރި ބޭންކުތަކުގެ އިންވެސްމެންޓް ފުރުސަތު ތަކުގެ ރޭޓްހުރީ 1-3 ޕަސެންޓުގަ އެވެ. ހުރިއިރު އެޗްޑީއެފްސީ އިން ވިއްކުމަށް ހުޅުވާލާފައިވާ ބޮންޑުގެ ރޭޓަކީ 7 ޕަސެންޓް އެވެ.
އެޗްޑީއެފްސީގެ ބޮންޑާއި ޞުކޫކު ފަދަ އިންސްޓްރޫމަންޓްތަކުގެ ސަބަބަކުން ދެ ފަރާތަށް ވެސް އޭގެ ފައިދާކޮށް، ކުރި އަށް އޮތް ތަނުގައި ރާއްޖޭގެ ފައިނޭންޝަލް ސެކްޓާ އަދި ކެޕިޓަލް މާކެޓް ކުރިއަރައި ފުޅާވެގެން ދިޔުމަށް މަގުފަހި ވެގެންދާނެ އެވެ. އެޗްޑީއެފްސީ އިން ވިއްކުމަށް ހުޅުވާލާފައިވާ ބޮންޑުގެ ރޭޓަކީ ހަތް ޕަސެންޓް އެވެ. އެހެންވެ މިއީ މިހާރު ރާއްޖޭގެ ސްޓޮކް މާކެޓުގައި ހުރި އެންމެ ބޮޑު ފައިދާއެއް ހޯދޭނެ އެއް އިންސްޓްރޫމަންޓް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.
އެޗްޑީއެފްސީ ޞުކޫކު އާއި ބޮންޑަކީ ސްޓޮކް އެކްސް ޗޭންޗުގައި ލިސްޓުކޮށްފައިވާ ދެ ފައިނޭންޝަލް އިންސްޓްރޫމަންޓެވެ. މިއީ ވެސް އެޑްވާންޓޭޖެކެވެ. މީގެ ސަބަބުން ގަނެގެން ކޮންމެ އަހަރަކު ލިބޭ ފައިދާކޮޅު ނަގަނަގައި ހުރުމުގެ ބަދަލުގައި ބޭނުންވެއްޖެ ހިނދެއްގައި ސެކަންޑަރީ މާކެޓުގައި ވިއްކާލެވުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ މީގެ އެންމެ ޝައުގުވެރި އެއް ސިފަ އެވެ.
އެޗްޑީއެފްސީ އަކީ ރާއްޖޭގައި ގެދޮރު އިމާރާތްކުރުމަށް މަރާމާތުކުރުމަށް އަދި ގެދޮރު ގަތުމަށް ހާއްސަ ކުރެވިގެން ފެސިލިޓީ ދޫކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ދެން އޮތީ އެޗްޑީއެފްސީގެ ހައުސިން ދާއިރާގެ ގާބިލް ކަމާއި އެ ކުންފުނީގެ ހައުސިން ޕޯޓްފޯލިއޯ ބުރަދަނުގެ ވާހަކަ އެވެ. އެ ކުންފުނީގެ ހައުސިން ޕޯޓްފޯލިއޯ ގެ އަދަދު މިހާރު ވަނީ 1.8 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފެސިލިޓީގެ ގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް ދޫކޮށްފަ އެވެ. އެޗްޑީއެފްސީ ގެ އުއްމީދަކީ ކުރީ ފަހަރުތަކެކޭ ވެސް އެއް ފަދަ އިން މި ފަހަރު ވެސް މި ކަމަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއުމެވެ.