ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކަންބޮޑުވުންތަކާއެކު ބޮޑުފޮޅަދޫ ކައުންސިލަރުން، ރައީސް އަރިހަށް

އއ. ބޮޑުފޮޅަދޫގެ ރައްޔިތުންނަށް މިވަގުތަށް އެންމެ މުހިންމު ކަންކަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވައިފި އެވެ.

ރައްޔިތުންގެ ބޭނުންތައް ރައީސް ސޯލިހާ ހިއްސާ ކޮށްފައިވަނީ މިއަަދު އެ ރަށުގެ ކައުންސިލް މެންބަރުން ރައީސާ ބައްދަލު ކުރުމަށްފަހު އެވެ.

މި ބައްދަލުކުރެއްވުމުގައި، ބޮޑުފޮޅުދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ބައެއް ޚިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނެ އެވެ.

އެގޮތުން އެ ރަށުގެ ފެނާ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަވަސްކޮށް ދެއްވުމަށާއި ބިންހިއްކުމާއި، ބަނދަރުގެ އެއްގަމު ތޮށީގެ މަރާމާތުގެ މަސައްކަތާއި، ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާ ކަންކަން ކައުންސިލަރުން ފާހަގަ ކުރެއްވި އެެވެ. އަދި ޒުވާނުންނަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މަޝްރޫއުތައް ހިންގައިދިނުމަށް ވެސް ކައުންސިލަރުން އެދުނެވެ.

މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުފޮޅުދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާބެހޭ އެންމެފަހުގެ މައޫލޫމާތު ހިއްސާ ކުރައްވާފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވިދާނެ މަޝްރޫއުތަކާބެހޭ މަޝްވަރާތައް ކުރެއްވުމުގެ އިތުރުން ބައެއް މަޝްރޫއުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ތާރީހުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުންނާ ހިއްސާ ކުރައްވާފަ އެވެ.

ވެރިކަމަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ރެކޯޑް މިންވަރަކަށް ކައުންސިލްތަކުގެ މެންބަރުންނާއި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުންތަކުގައި ރަށްރަށާއި، އަތޮޅުތަކަށް އެންމެ ބޭނުންވާ ކަންކަން ކައުންސިލް މެންބަރުން މެދުވެރިކޮށް ހޯއްދަވާފައި ވެއެވެ.