ހަބަރު

ކުންފުނިތަކަށް ބިދޭސީން މަގުމަތި ނުކުރެވޭނެ: މޫސާ

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަކީ، އެމީހުންގެ ރާއްޖެ ގެނައި ފަރާތްތަކުގެ އަނިޔާ ލިބި މަގުމަތިވެފައިވާ ބައެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވަމުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މުސާ މަނިކު އެކަމަށް ރައްދު ދެއްވައިފި އެވެ.

މިނިސްޓަރު ފައްޔާޒަށް ރައްދު ދެއްވަމުން، މޫސާ ވިދާޅުވީ، ބިދޭސީންގެ ބަޔަކު ރާއްޖެ އެތެރެކޮށް މަގުމަތިވާން ދޫކޮށްލުމަކީ ވިޔަފާރި ކުންފުނިތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މޫސާ ވިދާޅުވީ، ބިދޭސީން ގެންނައިރު ޑިޕޮސިޓް ފައިސާ ނަގަނީ ސަރުކާރުން ކަމަށާއި، އަދި ބިދޭސީ މީހަކު ވެރިމިހާ ކިބައިން ފިލައިފިނަމަ އެ ބިދޭސީއެއްގެ ޕާސްޕޯޓް ހަވާލުކުރަނީ ސަރުކާރަށް ކަމަށް ވުމުން ވިޔަފާރިވެރިންނަށް ބިދޭސީން އެތެރެކޮށް މަގުމަތި ނުކުރެވޭނެ ކަމަށެވެ. ނުސީދާ ގޮތެއްގައި މޫސާ ވަނީ ބިދޭސީން މަގުމަތިވުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފައްޔާޒު މިއަދު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްވެސް ސަރުކާރަކަށް ހައްލު ކުރެވިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، ބިދޭސީން ރާއްޖެ ގެންނައިރު ދެ ކޮޅަށް ބޭނުންވާ ޓިކެޓުގެ ފައިސާ ޖަމާކުރިޔަސް، ފިލައިގެން ނުވަތަ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަތުލެވުނަސް އެމީހުން އަނބުރާ ގައުމަށް ފޮނުވާލަން ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެނގުނު ކަމުގައި ވިޔަސް އެމީހުން އަނބުރާ ގައުމަަށް ފޮނުވާލުމުގައި ތަބާވާން ޖެހޭ ބައިނަލްއަގްވާމީ ގަވާއިދުތަކެއްވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންނަކީ ވަޒީފާ ދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނަގައިގެން އެ މީހުން ގެނެސް މަގުމައްޗަށް ދޫކޮށްލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ބައެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ބިދޭސީން ގެނެސް އެމީހުން އަތުން ލާރިނަގައި މަގުމަތިވާން ދޫކޮށްލި ފަރާތްތަކަށް ފިޔަވަޅު ނާޅާތީ ފާޑު ކިޔުން އިކޮނޮމިކް މިނިސްޓްރީއަށް އަމާޒުވެފަ އެވެ.

އިމިގްރޭޝަނުން ލަފާ ކުރާ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ މައްޗެވެ. އެކަމަކު އެއީ ރަސްމީ އަދަދެވެ. ނުރަސްމީ އަދަދު އޭގެ ދެ ގުނައަށް ވުރެ މަތިވާނެކަމަށް ބައެއް ފަރާތްތަކުން އަންދާޒާ ކުރެ އެވެ.

ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.