ޓެކްނޯލޮޖީ

އެޕަލްއިން އައިފޯން 6 ހިލޭ ސާވިސްކޮށް ދެނީ

އެޕަލް ކުންފުނީގެ ފޯނުތައް ގެންގުޅޭ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފޯނު ސާވިސް ކުރަން ނަގާ އަގު ބޮޑުވުމެވެ. އެއީ އެކުންފުނިން ގަސްތުގައި ކުރާ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އަދި ފޯނު ސާވިސް ކުރުމުގެ މަސައްކަތް ނުނިމި ދިގު ދެމިގެން ދިޔުމަކީ ވެސް އެހާ ފޫހިވާ ކަމެކެވެ. ގިނަ ފަހަރާ އެގޮތަށް ދިމާވަނީ، ފޯނުގެ ސާވިސްއަށް ބޭނުންވާ ބައިތައް ސީދާ އެޕަލް ކުންފުނިން ހޯދާތީ އެވެ. އެއީ އައިފޯން ޔޫޒަރުންނަށް އެންމެ އިތުބާރު ކުރެވޭ ގޮތްވެސް މެ އެވެ. މިހާރު އެޕަލް ކުންފުނިން އެވަނީ އެކުންފުނީގެ 2014 ވަނަ އަހަރު ނެރުނު އައިފޯން 6 އަދި އައިފޯން 6 ޕްލަސް ހިލޭ ސާވިސް ކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ފޯނު ހިލޭ ސާވިސްކޮށް ދޭން އެޕަލް ކުންފުނިން ނިންމީ، އައި ފޯން 6 އަށް މިހާރު ދިމާވެގެން އުޅޭ މައްސަލައެއްގެ ސަބަބުންނެވެ. އައިފޯން 6 އަދި އައިފޯން 6 ޕްލަސް ގެންގުޅޭ މީހުންގެ ފޯނު ހަމަ ކުއްލިއަކަށް ނިވޭނީ އެވެ. މިހެން ދިމާވަނީ ކީއްވެ ކަމެއް ނުބުނެ އެޕަލްގެ "ސަޕޯޓް އެޕަލް" ސައިޓުގައި ބުނެފައިވަނީ ފޯނު ކުއްލިއަކަށް ނިވޭނަމަ އެކަން އެކުންފުނީގެ ސަމާލު ކަމަށް ގެނައުމުން މައްސަލަ ހައްލު ކޮށްދޭނެ ކަމަށެވެ. އެގޮތުން ސަޕޯޓް އެޕަލްގެ ވެބްސައިޓަށް ވަންނައިރު ފޯނުގެ ސީރިއަލް ނަމްބަރު ޖެހެން ހުންނާނެ އެވެ. އެއަށްފަހު ފޯނަށް މައްސަލައެއް ދިމާވެފައި ވާނަމަ އެޕަލް ކުންފުނީގެ ހަރަދުގައި ފޯނު ސާވިސް ކޮށްދޭނެ އެވެ.

މިއީ ކިހިނެތްވާ ކަމެއްކަން އެޕަލް ކުންފުނިން ހާމަ ނުކުރިޔަސް އެޕަލް ކުންފުނިން އާ ފޯނެއް ނެރޭއިރު މިކަހަލަ މައްސަލަތައް ކުރީގެ ފޯނުތަކަށް ދިމާވެ އެވެ. އެގޮތުން އައިފޯން 8 ލޯންޗު ކުރުމަށްފަހު އެޕަލްއިން ވަނީ އައިފޯން 6 ގެ ޕާފޯމެންސް ސްޕީޑު ދަށްކޮށްފަ އެވެ. މިގޮތަށް އަމަލު ކުރުމުން ކަސްޓަމަރުން އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފޯނުތައް ގަނެ އެވެ. އެހެން ކަމުން މިހާރު އައިފޯން 6 އަށް ދިމާވެގެން މިއުޅެނީ ވެސް މިކަހަލަ މައްސަލައަކަށް ވުން ގާތެވެ.

އައިފޯން 6 ގެ ޕާފޯމެންސް ސްޕީޑް ދަށް ވެފައިވާ ކަމަށް ކަސްޓަމަރުން ބުނަން ފެށުމުން، އެއަށް ޖަވާބު ދީ އެޕަލްއިން ބުނީ ޕާފޯމެންސް ދަށް ކުރަނީ ގަސްތުގައި ކަމަށެވެ. އެޕަލް މިކަމަށް އިއުތިރާފުވި ނަމަވެސް އެކުންފުނީގެ ވިޔަފާރިއަށް ގެއްލުމެއް ނުލިބެ އެވެ.

އައިފޯން 6 ސާވިސްއަށް ދިނަސް ހަމައެކަނި ސާވިސްކޮށް ދެނީ ހަމައެކަނި ފޯނު ނިވޭ މައްސަލަ އެވެ. ފޯނުގެ ޑިސްޕްލޭ ތަޅައިގެން ގޮސްފައި ހުރުމުން ނުވަތަ އެހެން ގެއްލުމެއް ލިބިފައިވާނަމަ އެކަން ރަނގަޅު ކުރުމަށްފަހު އަގެއް ނާގާނެ އެވެ. ބެލެވޭ ގޮތުގައި ފޯނު އެ ސާވިސް ތައް ކޮށްދޭނީ އާންމުކޮށް ނަގާ އަގުތަކަށްވުރެ އަގު ހެޔޮކެށެވެ. ޓެކް ވިޔަފާރިތައް ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ އެޕަލް ކުންފުނިން ފޯނު ނިވޭ މައްސަލަ ހިލޭ ސާވިސްކޮށް ދޭން ނިންމީ އެ ކުންފުނީގެ ނެޓްވޯކަށް އަރައިގެން އުޅޭ އެރާ އެއްގެ ސަބަބުން ކަމަށެވެ. އަދި މިކަން އާންމުނާ ހަމައަށް ތިލަ ނުކުރުމުގެ ބޭނުމުގައި އެޕަލް އިން ފޯނު ހިލޭ ސާވިސް ކޮށްދެނީ ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.