އައްޑޫ ސިޓީގެ ހުޅުދޫގައި، ޒަޚަމްތަކަކާއެކު އޮތް މީހަކު ފެނުނު މައްސަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
އައްޑޫ ސިޓީ ހުޅުދޫގެ ފްލެޓް ސަރަހައްދުގައި ޒަޚަމްތަކަކާއެކު މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބުނީ ރޭ 7:00 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ،
އެމީހާގެ ހަށިގަނޑުގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އެގޮތުން ބޮލުގައި އެއްޗަކުން ޖަހާ ވަރަށް ބޮޑަށް ފަޅާލާފައި ވެއެވެ. އަދި ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމުގެ ނިޝާންތައް ވެސް ފެންނަން ހުރި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އުމުރުން 24 އަހަރުގެ ފިރިހެނަކާ، 23 އަހަރުގެ ފިރިހެނަކާ، 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.
މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
3800 މީހުންގެ އާބާދީއެއް އޮތް ހުޅުދޫގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، ކުށްކުުރުން އިތުރުވެފައިވާތީ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަންކަން ހައްލު ކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެ ރަށުގައި އުމުރުން 68 އަހަރުގެ އަންހެނަކަށް ހަމަލާދީ އޭނާގެ އަތުން ވަނީ ފޭރިފައި ވެއެވެ.