ސޫދާން

ޓެރަރިސްޓު ލިސްޓުން ސޫދާން އުނިކުރަނީ

ޓެރަރިސްޓް ޖަމާއަތްތަކަށް އެހީވާ ކަމުގެ ތުހުމަތުގައި ޓެރަރިސްޓް ގައުމުތަކުގެ ލިސްޓުގައި ހިމަނައިގެން އުޅޭ ސޫދާން އެ ލިސްޓުން އުނި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ސައުދީއަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުއްއަޒީޒް އަލް ސައުދް ވަނީ ސޫދާނުގެ ޓްރާންސިޝިނަލް ސޮވެރިން ކައުންސިލް ޖެނެރަލްގެ މަގާމަށް އައްޔަން ކުރި ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާން އަދި ސޫދާންގެ ބޮޑުވަޒީރު އަބްދުއްލާ ހަމްދޫކް އާ ބައްދަލު ކުރައްވާފަ އެވެ.

ސޫދާން ޓެރަރިސްޓް ގައުމެއްގެ ގޮތުގައި ކަނޑައެޅީ 1993 ވަނަ އަހަރު މެދު އިރުމަތީ ގައުމުތަކާއި އެފްރިކާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ އާއި ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި އެމެރިކާއިންނެވެ. އޭރު ސޫދާނުގެ ރައީސްގެ މަގާމުގައި ހުންނެވީ އޮމަރް އަލް ބަޝީރެވެ. ބަޝީރުގެ ވެރިކަން އަސްކަރީ ބަޣާވާތާކުން ވައްޓާލުމަށްފަހު އޮގަސްޓް މަހު ވަނީ އާ ރައީސަކު އައްޔަންކޮށްފަ އެވެ.

ޓެރަރިސްޓް ގައުމުތަކުގެ ލިސްޓުގައި ހިމެނޭތީ، ބައިނަލްއަގްވާމީ އެހީ ލިބުމުން ސޫދާން ވަނީ މަހުރޫމްވެފަ އެވެ. އެގޮތުން އިންޓަނޭޝަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ވަނީ ސޫދާނަށް އެހީދުނުން މަޑު ޖައްސާފަ އެވެ. އައިއެމްއެމް އާއި ވޯލްޑް ބޭންކު ވެސް ބުނަނީ، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސޫދާން އުނިކޮށްފިނަމަ، ސޫދާންގެ އިގްތިސޯދު ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ.

އަލަށް އިންތިހާބުވި ސޫދާންގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަސްމާ އަބްދުﷲ ވިދާޅުވީ، ސޫދާންގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ގައުމުގެ މޫނުމަތި ބައިނަލްއަގްވާމީ މުޖްތަމައުގެ ކުރިމަތީގައި ރީތި ކުރުން ކަމަށެވެ. އަދި އެކަން ކުރުމަށް ސައުދީގެ އެހީެތރިކަން ލިބޭނެ ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ.