ސީރިއާގެ އުތުރުގައި އަސްކަރީ މަސައްކަތް ފަށަން ތުރުކީން ތައްޔާރު ވުމުން، ތުރުކީއަށް އެ މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުތުރުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެ ސަރަހައްދު ދޫކޮށް ދާން ފަށައިފި އެވެ.
ތުރުކީން ސީރިއާގެ އުތުރު ބޯޑަރުގައި އަސްކަރީ މަސައްކަތް ކުރާނެ ކަމަށް ބުނީ އެ ސަރަހައްދުގައި ތިބި ކުރުދީން ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެވެ. ސީރިއާގެ އުތުރު ބޯޑަރު ނުވަތަ ތުރުކީވިލާތާ ސީރިއާ ގުޅުވައިދޭ ބޯޑަރުގައި ވަކި ދައުލަތެއް ހަދައިގެން އުޅޭ ކުރުދީ ހަނގުރާމަވެރިންނަކީ އެމެރިކާ އާއި ސީރިއާގެ އަސްކަރިއްޔާގެ ވާގިވެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ.
ތުރުކީން ކުރުދީންނާ ދެކޮޅަށް މަސައްކަތް ކުރަނީ އެ ގައުމުގެ މިނިވަންކަން ދިފާއުކޮށް ދާހިލީ ހަނގުރާމައަކުން ގައުމު ސަލަމާތް ކުރަން ކަމަށް ބުނެ އެވެ. ތުރުކީގެ ނިންމުތަކަށް ރައްދު ދެއްވާ އެމެރިކާގެ ރިޔާސީ ގަނޑުވަރުން ބުނީ ތުރުކީގެ މި އަމަލުގެ ސަބަބުން ކުރުދީން މެދުވެރިކޮށް އިސްލާމިކް ސްޓޭޓްއާ ދެކޮޅަށް އެމެރިކާއިން ކުރަމުން އައި ހަނގުރާމައަށް އަސަރު ކުރާނެ ކަމަށެވެ.
އެމެރިކާ ސިފައިން ބޯޑަރު ސަރަހައްދުން ފެއަށް ޖެހެން ފަށާފައިވާކަން ސީރިއާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ފެއަށް ޖެހިފައިވަނީ ބޯޑަރުގެ ހުރިހާ ކަމެއް ތުރުކީއާ ހަވާލު ކުރުމަށް ފަހު ކަމަށް ވެސް ސީރިއާގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
ތުރުކީން ވަނީ މީގެ ކުރިންވެސް ކުރުދީ ހަނގުރާމަވެރިންނާ ހަނގުރާމަކޮށް އެމީހުންގެ ބާރު ވަރަށް ބޮޑަށް އުތުރު ސީރިއާގެ ބޯޑަރުން ކަނޑުވާފަ އެވެ. ނަމަވެސް އިސްލާމިކް ސްޓޭޓްއާ ހަނގުރާމަ ކުރުމުގެ ބޭނުމުގައި އެމެރިކާއިން ކުރުދީންނަށް ފައިސާ އާއި ހަތިޔާރުގެ ގޮތުން އެހީވާން ފެށުމުން ކުރުދީންނާ ދެކޮޅަށް ތުރުކީން ކުރަމުން އައި ހަނގުރާމަ މަޑު ޖައްސާލަން ޖެހުނެނެވެ.