ސްރީލަންކާ

ލަންކާގެ ރައީސް ކަމަށް 35 ކެންޑިޑޭޓުން

އަންނަ މަހު ސްރީލަންކާގެ ބައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން 35 ކެންޑިޑޭޓަކު ޑިޕޮސިޓް ފައިސާ ދައްކައިފި އެވެ. މިއީ ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މިދިޔަ ފަހަރު ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ 22 ކެންޑިޑޭޓުންނެވެ.

ރައީސްގެ މަގާމަށް ވާދަކުރައްވަން ޝައުގުވެރިވެ ވަޑައިގެންނެވި 41 ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރުއްވެވި ކަމުގައި ވިޔަސް ހަ ބޭފުޅަކު ވަނީ ނޮމިނޭޝަން އަނބުރާ ގެންދަވާފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން މިހާރުގެ ރައީސް މައިތިރިޕާލާ ސްރިސޭނާ ވަނީ ނިންމަވާފަ އެވެ. މި އިންތިހާބުގައި ސިރިސޭނާ ތާއީދު ކުރައްވާނީ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސާ އަށެވެ.

ސިރިސޭނާ ވިދާޅުވީ، ގޮތަބަޔާ އަށް ތާއިދު ކުރަން ނިންމެވީ އެއްވެސް ޝަރުތަކާ ނުލާ ކަމަށެވެ. ނަމަވެސް ސިރިސޭނާ ވިދާޅުވީ ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް ދެ އެމްއޯޔޫ އެއްގައި ސޮއި ކުރަން ޖެހޭނެ ކަމަށެވެ. އެއީ އެސްއެލްއެފްޕީ އާއި ކެންޑިޑޭޓާ ދެމެދުގަ އާއި އެސްއެލްއެފްޕީން އެސްއެލްޕީޕީގެ އެލަޔަންސްއާ ގުޅެން ހަދާ ދެ އެމްއޯޔޫ އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސްރިސޭނާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާ ގޮތަށް ނިންމެވީ އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރަށް ވޯޓު ލިބި ވަޑައި ނުގަންނަވާނެ ކަން ޔަގީވެ ވަޑައިގަތުމުންނެވެ. ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ސިރިސޭނާ އުޅުއްވާތީ ސްރިސޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ މަގުބޫލުކަން ވެއްޓިފަ އެވެ.

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިދިޔަ އަހަރު ހަމަޖެއްސުމާ ގުޅިގެން ލަންކާއަށް ވަނީ ސިޔާސީ މަސްރަހުގައި ވަނީ ބޮޑެތި ހަމަނުޖެހުންތައް އުފެދިފަ އެވެ. އެ ހަމަނުޖެހުންތައް ހަމައަކަށް އެޅުނީ، ސުޕްރީމް ކޯޓުން ސިރިސޭނާ ނިންމުން ގާނޫނާ ހިލާފު ކަމަށް ނިންމުމުންނެވެ.

އަންނަ ނޮވެމްބަރު 16 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 15.99 މިލިއަން މީހުންނަށެވެ.