އީރާން

އިރާގު - އިރާނުގެ ގުޅުން ހާލާކުކޮށްލަން މަސައްކަތްކުރޭ: ހާމަނާއީ

އިރާނާއި އިރާގާ ދެމެދުގައި އޮތް ގުޅުން ހީނަރުކޮށް، ދެ ގައުމު ހަތުރުންނަށް ހަދައި، ހަމަނުޖެހުން އުފައްދަން ދުޝްމަނުން މަސައްކަތް ކުރަމުންދާ ކަމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއި ވިދާޅުވެއްޖެ އެވެ.

އިރާގުގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލައިގެ ޒިންމާ ޔޫރަޕާއި އެމެރިކާއިން އަޅުވަނީ އިރާނުގެ ބޮލުގަ އެވެ. އަދި އިރާގުގެ އިގްތިސޯދު ދަށްވެެގެން ދަނީ އިރާނުން ގެންގުޅޭ ގޮތް ދޫނުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަމަށް ވެސް އިރާނާ ދެކޮޅުވެރި އެ ގައުމުތަކުން ދަނީ ބުނަމުންނެވެ.

މިއަށް ރައްދު ދެއްވާ ހާމަނާއި ވިދާޅުވީ، އިރާނާއި އިރާގަކީ ހިތުން ގުޅިފައިވާ ދެ ގައުމު ކަމަށްވުމުން، ދުޝްމަން ގައުމުތަކުން ދަނީ އެ ގުޅުމުގެ މެދުގައި ނަފްރަތުގެ އޮށް އިންދަން މަސައްކަތް ކުރަމުން ކަމަށެވެ. ހާމަނާއި ވިދާޅުވީ، އިރާނާ ދެކޮޅުވެރި ބާރުގަދަ ގައުމުތަކުން އިރާގާއެކު އޮންނަ ގުޅުން ހީނަރު ކުރަން އުޅުނަސް، އެމީހުންގެ ހުރިހާ މަސައްކަތް ނާކާމިޔާބު ވެގެންދާނެ ކަމަށެވެ.

"އީރާނާއި އިރާގަކީ ހިތާއި ރޫހުން ގުޅިފައިވާ ދެ ގައުމު. ދުޝްމަނުން ދަނީ މި ދެ ގައުމުގެ މެދުގައި ނަފުރަތުގެ އޮށް އިންދުމަށް މަސައްކަތް ކުރަމުން. އެކަމަކު އެ މީހުންނަށް އެކަން ވަނީ ނާކާމިޔާބުވެފައި" ހާމަނާއި ވިދާޅުވި އެވެ.

އިރާގާއި އިރާނާ ދެމެދު ވަނީ 1980 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރުގެ ނިޔަލަށް ވަރުގަދަ ހަނގުރާމައެއް ކޮށްފަ އެވެ. އިރާގުގައި އިރާންގެ ނުފޫޒު ގަދަވާން ފެށީ، އެމެރިކާގެ ސިފައިން އަރާ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ ވެރިކަން 2003 ވަނަ އަހަރު ވައްޓާލި ފަހުންނެވެ. ނަމަވެސް އިރާނުން ބުނަނީ އިރާގަށް އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާ ކަމަށެވެ. އަދި އެމެރިކާއިން އިރާނުގެ ތެލުގެ ވިޔަފާރިއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުންވެސް އިރާނުން ތެޔޮ ގަންނަން އިރާގަށް މަޖުބޫރު ނުކުރާ ކަމަށެވެ.

މި ވާހަކަތަކަށް އެއްބާރުލުންދީ އިރާގުގެ ސަރުކާރުން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އިރާގު ސަރުކާރުން ބުނަނީ، އެގައުމުގެ އެއްވެސް ދާހިލީ ކަމަކާ އިރާނުން ނުބެހޭ ކަމަށާއި، މިހާރު ހިނގަމުންދާ މުޒާހަރާތަކާއި އިރާނާއި ގުޅެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މިހާރު އިރާގުގައި ކުރިއަށްދާ މުޒާހަރާތަކަކީ ވަޒީފާ ނުލިބުމުންގެ ސަބަބުންނާއި ސަރުކާރު ތެރޭގައި ކޮރަޕްޝަން އަށަގަނެފައިވުމުން އެކަންތަކާ ދެކޮޅަށް ކުރާ މުޒާހަރާތަކެވެ. މި މުޒާހަރާތަށް ހޫނުވެ ފުލުހުންނާ އާންމުނާ ކުރިމަތިލައި މިހާތަނަށް 109 މީހުން މަރުވެފައިވާއިރު 6،000އަށް ވުރެ ގިނަ މީހުނަށް ވަނީ ޒަހަމްވުމުގެ ސަބަބުން ފަރުވާ ދީފަ އެވެ.