މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަދި ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ނޫޝީން އިސްތިއުފާ ދެއްވާފައިވާ ކަން އެމްޑީއެންގެ އޮފިޝަލަކު ވަނީ "އަވަސް" އަށް ކަށަވަރު ކޮށްދީފަ އެވެ. އޮފިޝަލު ވިދާޅުވީ އިއްޔެގެ ވަގުތުގައި އިސްތިއުފާގެ ސިޓީ އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށެވެ.
މީގެ ކުރިން ފުލުހުންގެ އިންޓެލިޖެންސް އެނެލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ނޫޝިން އެމްޑީއެންއިން އިސްތިއުފާ ދެއްވައިފައި މި ވަނީ، އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ މައްސަލައެއް ދާދި ފަހުން ފެންމަތިވެފައި ވަނިކޮށެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު އެ ރިޕޯޓްގައި ހަރުކަށި ވިސްނުމަށް ބާރު އަޅާ ކަންކަން ތައުލީމީ ނިޒާމުގައި ހިމެނޭ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޤުރްއާންގެ ބައެއް އާޔަތްތަކާއި ރަސޫލާގެ ހަދީސް ބަސްފުޅުތައް ހިމަނާފައިވެ އެވެ. އަދި ރަސޫލާއަށް ފުރައްސާރަކޮށް ވެސް ބައެއް ވާހަކަތައް ހިމެނެ އެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ޔޫތް މިނިސްޓްރީން ވެސް ވަނީ ޖަމިއްޔާތައް އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފަ އެވެ.
އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.
އެ މައްސަލާގައި އެމްޑީއެންގެ އިސްކޮށް އުޅުއްވާ ބޭފުޅުން ހައްޔަރުކޮށް، އެ ޖަމިއްޔާ އުވާލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.