މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވި ގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޭނާ އަދާ ކުރައްވާ މަގާމުން ވެސް އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ނޫޝިން އެމްޑީއެންއިން އިސްތިއުފާ ދެއްވައިފައި ވަނީ، އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ މައްސަލައެއް ދާދި ފަހުން ފެންމަތިވެ އެ މައްސަލަ ވަރަށް ބޮޑުވެ، ގޯސްވެފައި ވަނިކޮށެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު އެ ރިޕޯޓްގައި ހަރުކަށި ވިސްނުމަށް ބާރު އަޅާ ކަންކަން ތައުލީމީ ނިޒާމުގައި ހިމެނޭ ކަމަށް ބުނެ ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ޤުރްއާންގެ ބައެއް އާޔަތްތަކާއި ރަސޫލާގެ ހަދީސް ބަސްފުޅުތައް ހިމަނާފައިވެ އެވެ. އަދި ރަސޫލާއަށް ފުރައްސާރަކޮށް ވެސް ބައެއް ވާހަކަތައް ހިމެނެ އެވެ.
ނޫޝިން މަގާމުން ދުރުކުރުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް ގޮވާލަމުންނެވެ. އަދި އެމްޑީއެންގެ ރިޕޯޓް ނެރުމުގައި ނޫޝިންގެ ހިއްސާ އޮތް މިންވަރެއް ބެލުމަށް ތަހުގީގު ހިންގުމަށް ވެސް ގޮވާލަމުން ގެންދެ އެވެ.
ސައީދު ވިދާޅުވީ އެމްޑީއެންގެ ޗެެއާޕާސަންގެ މަގާމުން ނޫޝިން އިސްތިއުފާ ދެއްވީ އެ ނޫން އެއްވެސް "ޗޮއިސް" އެއް ނެތި މަޖުބޫރު ވެގެން ކަމަށެވެ. ރައީސް އޮފީހުގައި ނޫޝިން އަދާކުރައްވާ މަގާމުގައި ވެސް ހުންނެވުމުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ. ސައީދު ވަނީ ނޫޝިން މަގާމުން އިސްތިއުފާ ދެއްވަން ގޮވާލައްވާފަ އެވެ.
ޓެރަރިޒަމްގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވުމަށް ޓެރަރިޒަމް ކޮންސަލްޓެއްގެ ގޮތުގައި ނޫޝިން މަސައްކަތް ކުރައްވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
މީގެ އިތުުރުން ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާތީ އެކަމަށްވެސް ސައީދު ފާޑު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސްގެ އެ ވާހަކަތަކަކީ ޕްރެޝަރު ބޮޑުވެ ހުސްވެގެން ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ. އަދި މި މައްސަލާގައި މުޅި ގައުމު ކެކި އަރާތާ ތިން ހަތަރު ދުވަސްފަހުން ރައީސް އެއްޗެއް ވިދާޅުވުމަކީ އެމްޑީއެން މައްސަލާގައި ހަރުދަނާ ފިޔަަވަޅުތަކެއް އެޅުމުގައި ރައީސްގެ އިޚުލާސްތެރިކަން ނެތްކަން ހާމަވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. ޔޫތް މިނިސްޓްރީން ވެސް ވަނީ ޖަމިއްޔާތައް އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފަ އެވެ.
އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދި ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައި ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ވާހަކަ ވެސް ދައްކަ އެވެ.