ފީފާގެ ސްޓޭންޑަޑަށް ހަދާ ސްޕޯޓްސް ރިހެބިލިޓޭޝަން ސެންޓަރެއް ހިމެނޭ ގޮތަށް އިމާރާތް ކުރާ އެފްއޭއެމްގެ އޮފީސް އިމާރާތާއި، ޓާފް ބޮޑު ދަނޑުގެ ބިންގާ އަޅައިފި އެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބިންގާ އަޅުއްވައިދެއްވި މި ދެ މަޝްރޫއަކީ، ފީފާގެ ފޯވަޑް ޕްރޮގްރާމްގެ އެހީގައި އިމާރާތް ކުރާ ދެތަނެވެ. ފީފާގެ ފޯވަޑް ޕްރޮގްރާމަކީ ކުރިން ފީފާއިން ގެންދިޔަ ގޯލް ޕްރޮޖެކްޓް ހުއްޓާލުމަށް ފަހު، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓިނޯގެ ދައުރުގެ ފުރަތަމަ އަހަރުގައި ތައާރަފް ކުރި ޕްރޮޖެކްޓެކެވެ.
ތިން ފަންގިފިލާ ހިމެނޭ ގޮތަށް އިމާރާތް ކުރާ އޮފީހުގައި ކުޅުންތެރިންގެ ނިއުޓިރިޝަން އާއި ޑައިޓް ޕްރޮގްރާމަށް ފެތޭގޮތަށް ހުޅުވާ ކެފިޓީރިއާއެއްވެސް މި އޮފީހުގައި ހިމެނޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް، ވިދާޅުވީ ކުޅުމުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ އަނިޔާއިން ރިކަވާ ވުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ގެންދެވޭނެ މާހައުލެއް ނެތުމަކީ ކުޅުންތެރިންނާއި ކުލަބުތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުގެ ސަބަބުން މިހާރު ރިކާވެގެން އަލުން ކުޅެން ނުކުތުމަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދޭ، އެހެންވީމަ ފީފާ ސްޓޭންޑަޑްގެ ރިހެބިލިޓޭޝަން ސެންޓަރެއް މިތާންގައި އެޅިގެން ދިއުމަކީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އިންޖަރީން އަވަހަށް ރިކަވާވެގެން ކުޅެން ނުކުތުމަށް މަގުފަހި ވެގެންދާނެ ކަމެއް." ބައްސާމް ވިދާޅުވި އެވެ.
އޮފީސް އިމާރާތާއި ޓާފް ދަނޑު އިމާރާތް ކުރަނީ، އެފްއޭއެމްގެ މިހާރުގެ ދެ ޓާފް ދަނޑު އޮންނަ ސަރަހައްދުގެ ދެކުނުުން، ކަޅުތުއްކަލާ ކޮށީ އިރުމަތިން އޮންނަ ހުސް ބިމުގަ އެވެ. މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ، ޓިބަރޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.
މީގެ އިތުރުން ފުޓްބޯޅަ ސަމާނު ވިއްކާ ސްޕޯޓްސް ވެއާ ފިހާރައަކާއި ޖިމެއްވެސް އޮފީސް އިމާރާތާ އެކު ހިމެނޭނެ އެވެ.
ކުލަބުތައް ޕްރެކްޓިސް ކުރަމުން ދަނީ ކުޅިވަރު އެކުވެނީގައި އެފްއޭއެމްގެ ޓާފް ދެ ދަނޑުގަ އެވެ. ކުލަބުތައް ޕްރެކްޓިސް ކުރަން ފުލު ދަނޑެއް ނުލިބެ އެވެ. އެކަން ފާހަގަ ކުރަމުން ބައްސާމް ވިދާޅުވީ، އެއީ 11 ސައިޑް ފުޓްބޯޅައަށް ޓީމުތައް ތައްޔާރު ކުރުމަށް އޮތް އެކަށީގެންވާ ވަސީލަތްތަކެއް ނޫން ކަމަށެވެ. އަލަށް ހަދާ ޓާފް ދަނޑު ސަރަހައްދުގައި 150 ހާ މީހުންނަށް ކުޅިބަލަން ތިބެވޭ ގޮތަށް ސަޕޯޓަރުންގެ ސްޓޭންޑެއްވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ތެރޭ 100 ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި މަސްރޫއުތައް ހަވާލު ކުރެވި މިހާރު ވަނީ އަމަލީ މަސައްކަތް ފެށުމާ ހަމައިގައިކަން ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ޒުވާން ޓީމުތަކުން ހޯދަމުންދާ ކުރިއެރުން ފާހަގަ ކުރަމުން މިނިސްޓަރު ވިދާޅުވީ މިހާރަށް ވުރެ ރަނގަޅަށް ރޭވުންތެރި ކަމާއެކު ކުރެވިއްޖެނަމަ އެ ޓީމުތަކަށް ކާމިޔާބު ހޯދޭ ވަރުގެ ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ،
ރާއްޖޭގެ ކުލަބުތައް އޮތް ހާލަތަށް އިޝާރާތް ކުރައްވަމުން މަހްލޫފް ވިދާޅުވީ އެހާލަތު ބަދަލު ކުރުމަށްޓަކައި މަޝްވަރާ ކޮށްގެން ހައްލު ތަކެއް ނެރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.