ވޭނެއް ޕާކް ކޮށްފައި އޮވެ ދުއްވާލި ވަގުތު ކޮންޓްރޯލް ނުވެގެން ގަހެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓު މިރޭ ހިނގީ ހުޅުމާލޭ ހަނދުވަރީ ހިނގުން ގޯޅީގަ އެވެ. އެ ވޭން ޕާކް ކޮށްފައި އޮވެ ދުއްވާލި ވަގުތު ކޮންޓްރޯލް ނުވެގެން ދެ ސައިކަލުގައި ޖެހި މަގުގެ އަނެއް ފަރާތު ޕޭމަންޓު މަތިން ގޮސް ގަހެއްގައި ޖެހި އެކްސިޑެންޓު ވި ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓު ވާން މެދުވެރިވީ ޑްރައިވަރަށް ސްޕީޑް ޕެޑަލް އަށް ފިތިގެން ގޮސް ކޮންޓްރޯލް ނުވުމުން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެެވެ.
މި އެކްސިޑެންޓުގައި ޕާކިން ޒޯނުގައި ހުރި ސައަިކަލް ގައި ވޭން ޖެހުމުން ވެއްޓި އެ ދެ ސައިކަލަށް ގެއްލުން ލިބިފައި ވެ އެވެ. އަދި ޕޭމަންޓު މަތީގައި ހުރި ތިން ބައިސްކަލެއް ވޭން ދަށުވެ، ޕޭމަންޓު ކައިރީ ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ބޮކްސް ކަވަރުވެސް ފަޅައިގެން ދިޔަ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ސަރަހައްދުގައި ހުރި ދިރާގުގެ ކޭބަލް ބޮކްސް ގައި ޖެހި ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ވޭން ދުއްވާފައިވަނީ 27 އަހަަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ އަކީ ގަވާއިދާ ހިލާފަށް އުޅޭ މީހަކަށް ވާއިރު އޭނާގެ އަތުގައި ލައިސަންސްވެސް ނެތް ކަމަށް ބުންޏެވެ. އަދި އެކްސިޑެންޓު ވުމުން ދުއްވަން އިން ބިދޭސީ މީހާ، ވޭނުން ފައިބައިގެން ފިލަން މަސައްކަތް ކުރަނިކޮށް އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.