އިބްރާހިމް އަމީރު

ހިލޭ އެހީގެ ގޮތުގައި ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައި: މިނިސްޓަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ބޭރުގެ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ތިން ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ބޭރު ގައުމުތަކުން ސަރުކާރަށް ދިން ހިލޭ އެހީގެ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"އަޅުގަނޑުމެން ދުނިޔޭގެ އެކި ގައުމުތަކާ ގުޅުން ބަދަހިކޮށްގެން ކުރިއަށްދާތީވެ އިންޑިއާއިން އެކަންޏެއް ނޫން، މެދުއިރުމަތީގެ ގައުމުތަކުންނާއި ޔޫރަޕްގެ ގައުމުތަކުންނާއި އެމެރިކާގެ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބެމުން ދަނީ، އޭގެ އަދަދުތައް 3.2 ބިލިއަން ރުފިޔާއަށްވުރެ އިތުރު،" އަމީރު ވިދާޅުވި އެވެ.

އިންޑިއާއިން ދޫކުރި މާލީ އެހީތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ދޫކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީ ބޭނުން ކުރާނީ ސަރުކާރުން ރާވާ ބޮޑެތި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ހުށަހަޅައިގެން ކަމަށެވެ. މިހާތަނަށް އެ ކްރެޑިޓް ލައިން ސަރުކާރުން ބޭނުންކޮށްފައެއް ނުވެ އެވެ. އެ ލޯނުގެ އިންޓެރެސްޓް ރޭޓަކީ 1.5 ޕަސެންޓެވެ.

ސޮވެރިން ފަންޑް ވެސް އިތުރުވި: މިނިސްޓަރު

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ގުޅޭ ގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެ ފަންޑްގެ ބެލެންސްގެ ގޮތުގައި ހުރީ ގާތްގަނޑަކަށް 96.3 މިލިއަން ޑޮލަރު ކަމަށެވެ. މި މަހުގެ ތިންވަނަ ދުވަހަށް ބެލެންސްގެ ގޮތުގައި 181 މިލިއަން ޑޮލަރު ހުރި ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް އެމްއެމްއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ވަރަށް އަވަހަށް ބިލުގެ މަސައްކަތް ނިންމައި މަޖިލިހަށް ފޮނުވާނެ ކަމަށެވެ. އެ ބިލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވާލަން ފެށި ބިލެކެވެ.

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް އުފެއްދީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. އެ ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.

ސަރުކާރުން މި އަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާގެ 42 މަޝްރޫއެއްގެ މަސައްކަތް ނިމިފިއިވާ ކަމަށާއި އެ މަޝްރޫއުތަކަށް ކުންފުނިތަކަށް ދައުލަތުން މިހާތަނަށް 759 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.