ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހެދި، ސީޕްލޭން ޓާމިނަލް އެއްވެސް ފަރާތަކަށް ދޭން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އަލަށް ހެދި ސީޕްލޭން ޓާމިނަލް ބޭރުގެ ފަރާތަކަށް ދޭން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.
"ސީޕްލޭން ޓާމިނަލް ބޭރުގެ ފަރާތަކަށް ދޭން ނިންމާފައެއް ނުވާނެ. އެކަމާ ގުޅޭގޮތުން ސަރުކާރު ތެރޭގައި މަޝްވަރާކޮށްފައި އަޅުގަނޑުމެން ގޮތެއް ނިންމާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ވީއައިއޭގައި އަލަށް ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލް ދައުލަތަށް ގެއްލުންވާ ގޮތަށް ޓީއެމްއޭ ކުންފުންޏަށް ދޭން އުޅޭ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ ބޯޑުގެ ބައެއް މެންބަރުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް ވެއެވެ. އަދި އެ މައްސަލާގައި ބޯޑުގައި ބަހުސްކޮށްފައިވާ ކަމަށް ވެއެވެ.
އެކަމާ ގުޅިގެން ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި އާ ސީޕްލޭން ޓާމިނަލް ހަދަނީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. އެ މަޝްރޫއަށް އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދު ކުރެ އެވެ.