ކުޅިވަރު

14 އަހަރުން ދަށުގެ ލީގް ޗެމްޕިއަންކަން މާޒިޔާއަށް

ފައިނަލުގައި، ހުޅުމާލޭ ސްޕޯޓްސް ސުކޫލްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިރާގް 14 އަހަރުން ދަށުގެ ޔޫތު ލީގް ޗެމްޕިއަން މާޒިޔާ ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލު މެޗުގައި މާޒިޔާގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، މުހައްމަދު އިޔާން ހަސަން އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ، މެޗުގެ 33 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުންނެވެ.

މާޒިޔާ އާއި ހުޅުމާލޭ ސްޕޯޓްސް ސްކޫލް ފައިނަލުގެ ޖާގަ ހޯދީ، ލީގް އުސޫލުން ކުޅުނު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ހޯދައިގެންނެވެ. މާޒިޔާ އެއް ވަނަ ހޯދީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓް ހޯދައިގެންނެވެ. ހުޅުމާލޭ ސްޕޯޓްްސް ސްކޫލް ވަނީ ފަސް މެޗުން މޮޅުވެފަ އެވެ.

މާޒިޔާ އަކީ ރަނގަޅު ޔޫތު ސިސްޓަމެއްގެ ތެރެއިން އެކެޑެމީ ހިންގަމުންދާ ކުލަބެކެވެ. މި އަހަރުގެ މުބާރާތުގެ ކުރިން މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން ވަނީ، އަވަށްޓެރި އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީ މުބާރާތުގައި ވާދަ ކޮށް އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ، ފައިނަލުގައި ބެންގަލޫރުގެ ބެންގަލޯރ ފުޓްބޯޅަ އެކެޑެމީގެ ޓީމު ބަލި ކުރުމަށް ފަހު އެވެ.