ހަބަރު

ބީރުވި މައްސަލާގައި ބަދަލުގެ ފައިސާ ސަރުކާރުން ދައްކައިފި

Oct 8, 2019
1

ތިން އަހަރުގެ އަންހެން ކުއްޖަކަށް ގދ. ތިނަދޫ ހޮސްޕިޓަލުން ދިން ބޭހަކާ ގުޅިގެން އޭނާގެ ކަންފަތުގެ އިވުން ގެއްލި ބީރުވި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ބަދަލުގެ ފައިސާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވައިފި އެވެ.

އެ ކުއްޖާ ބީރުވި މައްސަލާގައި 7.1 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ޖުލައި މަހު އެވެ.

ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައްކާފައިވާ ފައިސާއާ ގުޅޭގޮތުން މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އެކި މައްސަލަތަކުގައި މި ސަރުކާރުން މިހާތަނަށް ބިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައްކާފައިވާ ކަމަށާއި، އޭގެ ތެރޭގައި ބީރުވި މައްސަލާގެ ބަދަލުވެސް ހިމެނޭ ކަމަށެވެ.

އެ މައްސަލަ ހިނގާފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ. މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދަރިފުޅުގެ ހައްގުގައި އިންސާފު ހޯދުމަށް ކުއްޖާގެ ބައްޕަ ހިނގާތާ އެތައް އަހަރެއް ފަހުންނެވެ. މައްސަލާގައި ދައުލަތާ ދެކޮޅަށް އޭރުގެ މަދަނީ ކޯޓުގައި ދައުވާކުރީ ކުއްޖާގެ ބައްޕަ ގދ. ފަރެސް، ހަނދުވަރީގެ އަހުމަދު އިހުސާން އެވެ.

ބަދަލު ނަގައިދިނުމަށް އޭނާ ހުށަހެޅި މައްސަލާގައި މަދަނީ ކޯޓުން ހުކުމްކުރީ ދައުލަތާ އެއްކޮށެވެ. އެ ހުކުމް، އިހުސާން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް މައްސަލަ ނިންމީ ބަދަލު ނަގައިދޭނެ ތަނެއް ނެތް ކަމަށެވެ. ދައުލަތުން ބުނަނީ އެ މައްސަލާގައި ކުއްޖާ ބެލި ޑޮކްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލަށް ތިން އަހަރުގެ ކުއްޖާ ގެންދިޔައީ ހުން އައިސް، އަތް ދުޅަވާތީ އެވެ. އެ ހޮސްޕިޓަލުން ކުއްޖާއަށް އެޓެންޑްވީ ޑރ. ޕައުލް ކިޔާ ޑޮކްޓަރެކެވެ. އޭނާ ވަނީ ކުއްޖާއަށް ޖެންޓަމައިސިން ކިޔާ އެންޓިބައޮޓިކެއް ދީފަ އެވެ. އެ ބޭހަކީ އިންފެކްޝަންތަކާ ގުޅިގެން ވަރަށް އާންމުކޮށް ދީ އުޅޭ ބޭހެކެވެ. ނަމަވެސް އެ ބޭހުގައި ސީރިއަސް ސައިޑް އިފެކްޓްސްތަކެއް ހުރެ އެވެ. އެގޮތުން ވަކި ވައްތަރެއްގެ ޖީންއެއްގެ ހުންނަ މީހުންނަށް ރަނގަޅު މިންވަރަށް ބޭސް ދޭ ހާލަތުގައި ވެސް އިވުން ގެއްލުމުގެ ބިރު އޮވެ އެވެ. އެއީ 17 ޕަސެންޓް މީހުންނެވެ.

ނަމަވެސް ލަންކާއިން ހެދި ކުއްޖާގެ ޓެސްޓަކުން ދައްކާ ގޮތުގައި އޭނާއަކީ އެ ޖީންގެ ކުއްޖެއް ނޫނެވެ. އެހެންވީއިރު އޭނާއަށް ރަނގަޅަށް ބޭސް ދީފައިވާ ހާލަތުގައި އިވުން ގެއްލުމަކީ ނެތް ހާލަތެއްކަން ޝަރީއަތުގައި ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލާގައި ހަދާފައިވާ އެސްޕާޓް ރިޕޯޓްގައިވާ ގޮތުން ކުއްޖާއަށް ބޭސް ދީފައިވަނީ ރަނގަޅު މިންވަރަށެވެ. ނަމަވެސް ބޭސް ދީފައިވަނީ ގޯސްކޮށް ކަމަށް ކުއްޖާ، މާލެ ގެނެސް ދެއްކި ޑޮކްޓަރު ބުނެފައިވާ ކަމަށް ބައްޕަ ވަނީ ބުނެފަ އެވެ. އޭގެ ލިޔުންތައް ވެސް ހުށަހެޅި އެވެ.

އެ ބޭސް ދޭން ޖެހެނީ ބަރުދަން ބެލުމަށްފަހު ކަމާއި ބަރުދަނާ ނުގުޅޭ ވަރަށް ޑޯސް މަތިކޮށްފިނަމަ އޭގައި ގެއްލުމެއް ވެދާނެ ކަމަށް ދިރާސީ ރިޕޯޓްތަކުގައިވެ އެވެ.

މައްސަލާގައި ދަރިފުޅަށް ލިބުނު ގެއްލުމުގެ ބަދަލު އިހުސާން، 7.1 މިލިއަން އަގުކޮށްފައިވަނީ އިވުން ގެއްލުމުގެ ސަބަބުން ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުމާއި އާމްދަނީ ހޯދުމުގެ ދޮރު ބަންދުވުމާއި އިޔަރިން އެއިޑަށް ކުރަން ޖެހުނު އޮޕަރޭޝަނާއި އެއަށް ކޮންމެ އަހަރަކު ހަރަދުވާ އަދަދަށް ބެލުމަށްފަހު އެވެ. އެ އަދަދު އޭނާ ހުށަހަޅާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އެސްޓިމޭޓްތަކާ އެއްގޮތަށެވެ. އެހެންވެ އެ އަދަދަކީ ޝަރީއަތަށް ގަބޫލު ކުރެވޭ ބަދަލެއް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އިއްތިފާގުވެވުނެވެ. އެހެންވެ، ހުކުމް އިއްވީ އިހުސާން އެދިފައިވާ ގޮތަށް އޭނާގެ ދަރިފުޅުގެ އިއްވުން ގެއްލުނީ ހޮސްޕިޓަލްގެ އިހުމާލު އޮވެގެން ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި ޖުމްލަ 7.1 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް އަމުރުކުރުމަށެވެ.