މުހައްމަދު ސައީދު

ގަރާރުތަކެއް ވެއްދީ ކައުންސިލް އިންތިހާބާ ދިމާކޮށް: ސައީދު

ކައުންސިލްތަކަށް ބާރު ދޭން ކަމަށް ބުނެ އެއްވެސް ރޭވުމެއް ނެތި ރައްޔިތުންގެ މަޖިލީހަށް ގަރާރުތަކެއް ވައްދައިގެން އެއަށް ބަހުސް ކުރަމުން ދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ގޮވާލައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ކަމަށް ބުނެ ހުށަހަޅާ ގަރާރުތަކުގައިވާ ކަންކަމަކީ އެއްވެސް ރޭވުންތެރިކަމެއް ނެތް ކަންކަން ކަމަށެވެ. އަދި ވިދާޅުވީ އެ ކަންކަމަކީ ކުރިއަށް އޮތް އިންތިހާބަށް "ޕްރޮމޯޝަނެއް" ގެ ގޮތުގައި ވޯޓު ހޯދަން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ލޯކަލް ކައުންސިލްތަކަށް ބަހަން ވިސްނާއިރު، ދައުލަތަށް ލިބޭ އާމްދަނީއާ މެދު ވިސްނާލަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ. ދައުލަތަަށް ލިބޭ އާމްދަނީން ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސޭ ކަމަށާއި ކޮންމެ އަހަރެއްގެ އަހަރު ހިސާބު ނިމޭއިރު އޮންނަނީ ދަރަނީގައި ކަމަށާއި ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 20 ބިލިއަން ރުފިޔާ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެއިން ފަސް ޕަސެންޓަކީ ގާތްގަނޑަކަށް ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމަށްވާނަ އެކި އިންތިހާބީ ދާއިރާތަކުގެ މެދުގައި އެ ފައިސާ ބެހުމުން ދާއިރާއަކަށް ޖެހެނީ ހަތަރު މިލިއަނެއްހާ ރުފިޔާ ކަމަށާއި އެއީ އެ ދާއިރާގެ ހުރިހާ މަޝްރޫއެއް ހިންގޭނެ ވަރުގެ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރަނގަޅު ނިޔަތެއްގައި ދައްކާ ވާހަކައެއްނަމަ ކިތަންމެހާ ވެސް ރަނގަޅު ކަމެއް ކުރަން، އަދި އެއީ ކުރެވޭނެ ކަމެއް ކަމަށް ބުނެ ދައްކާފައި ނުކުރެވިއްޖެ ކަމެއް ނަމަ އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ކަމެއް. ހަތަރު މިލިއަން ރުފިޔާއަކުން މި ކަން ކުރަން ވެއްޖެނަމަ އެއްވެސް ރަށަކަށް އުފުލޭނެ ޒިންމާ އެއް ނޫން." ސައީދު ވިދާޅުވި އެވެ.

ސައީދު އެހެން ވިދާޅުވިއިރު، އެ ރަށެއްގައި ހިމެނޭ ބިމާއި، ރަށްރަށް، ފަޅާއި، ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓް ވެސް ކައުންސިލްތަކަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ރަށްރަށުގެ ސަރަހައްދު ކަނޑައަޅައި އެ ސަރަހައްްދުގައި ހިމެނޭ ބިމާއި ފަޅުތަކުން ލިބޭ ކުލި އެއީ ކައުންސިލަށް ލިބޭ އެއްޗެކަށް ހެދުމަށް ގޮވާލައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ގަރާރެއް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ.

ސައީދު އިތުރަަށް ވިދާޅުވީ ދައުލަތް ހިންގުމުގެ ރިކަރެންޓް ހަރަދު އިތުރުވެފައިވާ ކަމަށާއި އެކި ޒާތްޒާތުގެ ސަބްސިޑީތައް ދިނުމަށް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާ "އިސްރާފު" ވަމުން ދާއިރު، ދައުލަތުގެ ކަންކަން ރަނގަޅަށް އިންތިޒާމު ނުކުރެވި ރަށްރަށަށް އާމްދަނީގެ ފަސް ޕަސެންޓް ބަހާ ވާހަކަ ދައްކަނީ އިންތިހާބާ ދިމާކޮށް ކަމަށެވެ.

"މިއަދު މި ފަސް ޕަސެންޓެއް ބަހާ ވާހަކަ ދައްކައިގެން އިލެކްޝަންގެ ނަތީޖާ އެހެން ގޮތަކަށް އަނބުރަން އަނެއްކާ ވެސް މަސައްކަތް ކޮށްފިނަމަ މި ކަން ވާނީ ރައްޔިތުންގެ ލޮލުގައި އެޅުވޭ ވަރަށް ބޮޑު އަނދުނަކަށް. އަދި ރަށްރަށުގެ ތަރައްގީއަށް އެ ކަމުން ކުރާނެ މާ ބޮޑު އަސަރެއް ނޯންނާނެ." ސައީދު ވިދާޅުވި އެވެ.