ބޮލީވުޑް

"ދަބަންގް 3" ގެ ފަހު ދުވަހު ވިނޯދް ކަންނާގެ ހަނދާން އާކޮށްފި

ސަލްމާން ޚާންގެ "ދަބަންގް" ފްރެންޗައިސްގެ ފުރަތަމަ ދެ ފިލްމުގައި ވެސް މިހާރު މި ދުނިޔެ ދޫކޮށްފައިވާ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާ ބައިވެރިވި އެވެ. އެހެންވެ "ދަބަންގް 3" އިން ވިނޯދް ނުފެނުމަކީ އެ ފިލްމަށް ލިބޭނެ އުނިކަމެއް ކަމަށް ސަލްމާން ގަބޫލު ކުރެ އެވެ. އަދި ފިލްމުގެ ޝޫޓިންގެ ފަހު ދުވަހު ސަލްމާން ވަނީ ވިނޯދްގެ ހަނދާންތައް އާކޮށްފަ އެވެ.

އޭޕްރީލް 27، 2017 ގައި އުމުރުން 70 އަހަރުގައި ވިނޯދް ކަންނާ ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. "ދަބަންގް" ގެ ފުރަތަމަ ދެ ފިލްމުގައި ވިނޯދް ކުޅެފައިވަނީ ސަލްމާންގެ ކެރެކްޓާ ކަމަށްވާ ޗުލްބުލް ޕާންޑޭގެ ބައްޕަގެ ރޯލެވެ.

"މިއަދަކީ 'ދަބަންގް 3' ގެ ޝޫޓިންގެ އެންމެ ފަހު ދުވަސް. އަހަރެމެން ފިލްމު ނިންމާލައިފިން. މިއަދުގެ އެންމެ އުފާވެރި އަދި އާދަޔާޚިލާފު ކަމަކީ މިއަދަކީ ވިނޯދް ކަންނާ ސާގެ އުފަންދުވަސްކަން. މިއީ ހަމަ އިއްތިފާގެއް،" ފިލްމުގެ ބައިވެރިންނާއެކު ނަގާފައިވާ ވީޑީއޯ އަކާއެކު ސަލްމާން ކުރި ޓުވީޓެއްގައި ލިޔެފައި ވެއެވެ.

ވިނޯދް ކަންނާ މަރުވުމާ ގުޅިގެން އޭނާގެ ކެރެކްޓާ ކުޅުމަށްޓަކައި ސަލްމާން ހޮވާފައިވަނީ ވިނޯދްގެ އަސްލު ކޮއްކޮ ޕްރޮމޯދް ކަންނާ އެވެ. ސަލްމާންގެ ކެރެކްޓާގެ ބައްޕަ ޕްރަޖާޕަތީ ޕާންޑޭގެ ރޯލު "ދަބަންގް 3"ގައި އަދާކުރާނީ ޕްރޮމޯދް އެވެ.
އަންނަ ޑިސެމްބަރު 20 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ

"ދަބަންގް 3" ޑައިރެކްޓް ކުރަނީ ޕްރަބޫދޭވާ އެވެ. ފިލްމުގައި ސޮނާކްޝީ ސިންހާ އާއި އަރްބާޒް ޚާން ވެސް މުހިއްމު ބައިތަކެއް އަދާކުރާނެ އެވެ.