މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ ބުޑު ހަލާކުވެފައި ވާތީ، މުންނާރު މަރާމާތު ކުރުމުގެ މަަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް ސެންޓަރު ފޯ ކަލްޗަރަލް ހެރިޓޭޖުން ބުނެފި އެވެ.
އެ މަރުކަޒުން މިހެން ބުނެފައިވަނީ މާލޭ ހުކުރު މިސްކިތުގެ މުންނާރު ހުރި ހާލަތު ދައްކުވައިދޭ ފޮޓޯއެއް މީހަކު ޝޯސަލް މީޑިއާގައި ހިއްސާކޮށް މުންނާރު ހުރި ހާލަތާމެދު ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.
ސެންޓަރު ފޯ ކަލްޗަރަށް ހެރިޓޭޖުން ބުނީ މުންނާރުގެ ބުޑު ހަލާކުވެފައިވާ ކަން އެ މަރުކަޒުގެ ސަމާލުކަމަށް އައިސް ފައިވާ ކަމަށެވެ. އަދި އެކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ. މި ގެއްލުމަކީ އުވަ ބޭނުންކޮށްގެން މަރާމާތުކުރަންޖެހޭ ގެއްލުމެއް ކަމުން މިއީ ވާރޭ ވެހޭއިރު ކުރެވޭނެ މަރާމާތެއް ނޫން ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.
އަދި މޫސުން ތަންދިންހާ އަވަހަކަށް މުންނާރުގެ ބުޑު މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ސަރުކާރުން ތާރީޚާ ތަރިކަ ރައްކާތެރި ކުރުމަށް ޚާއްސަ ވުޒާރާއެއް އުފައްދާފައިވާއިރު އެ ވުޒާރާގެ މަސައްކަތްތައް ނުފެންނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށްވެސް ސެންޓަރު ފޯ ކަލްޗަރަށް ހެރިޓޭޖުން ވަނީ ޖަވާބުދީފައެވެ.
އެ މަރުކަޒުން ބުނީ 1440 ވަނަ އަހަރުގެ ރަމަޟާން މަހާއި ހައްޖު މަހުވެސް މުންނާރުގެ ބުޑު މަރާމާތު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާންގައިވެސް މުންނާރާއި އެހެން އާސާރީ ތަރިކަ މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެ މަރުކަޒުން ކުރަމުން ގެންދާނެ ކަމަށެވެ.
މުންނާރާ ބެހޭ ބައެއް މައުލޫމާތު
މުންނާރުގެ ތިރީ ބުރީގެ އުސްމިނަކީ 25 ފޫޓު ހަ އިންޗި އެވެ. މުންނާރުގެ މަތީ ބުރީގެ އުސް މިނަކީ 10 ފޫޓު ތިން އިއްޗި އެވެ. އެހެންކަމުން މުޅި މުންނާރުގެ ދެ ބުރީގެ އުސްމިނަކީ 35 ފޫޓު ނުވަ އިންޗި އެވެ.
މުންނާރުގެ އެންމެ ތިރިން ވަށައިގެން ފަލަ މިނަކީ 65 ފޫޓެވެ. ތިރީ ބުރީގެ މަތީގެ ވަށަމިނަކީ 60 ފޫޓެވެ. މަތީބުރީ ވަށައި ފަލަމިނަކީ 40 ފޫޓު އަށް އިންޗި އެވެ. މަތީ ޗެންޗޭނުގެ އުސް މިނަކީ ތިން ފޫޓެވެ. އެ ޗެންޗޭނު އެކުލެވިގެން ވަނީ ޖުމްލަ 11 ދަގަނޑުގެ މައްޗަށެވެ. ތިރީ ޗެންޗޭނުގައި 15 ދަގަނޑު ހިމެނޭއިރު އުސް މިނަކީ ތިން ފޫޓު ފަސް އިންޗި އެވެ.
މުންނާރުގެ ތިރީ ބުރީގައި ވަށާއި ހަ ބަންދު ހުންނާނެ އެވެ. މަތީ ބުރީގައި ދެ ބަންދު އަދި ޖުމްލަ އަށް ބަންދެވެ.
މި ހުރިހާ ބަންދެއް ވެސް ހަދާފައި ވަނީ ލޮއިންނެވެ. އެހެން ނަމަވެސް އެ ލޮއި ބަންދުތައް ކުރިން ހަދާފައި ހުރީ ބޮޑު ރޯނުންނެވެ. ރޯނުން ބަންދު ހަދާފައި ހުންނައިރު އޭގެ މަތީގައި އުނގުޅާފައި ހުންނަނީ ބާރު ކަނޑުވާފައިވާ ހުނި އުވަ އެވެ.
ލޮއި ބަންދުތަކެއް މުންނާރުގައި އެޅީ މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގަ އެވެ. އެ މަސައްކަތް ކުރީ ހުކުރު މިސްކިތުގައި ޓިނު ޖެހި ދުވަސްވަރު އަތިރީގޭ އިބުރާހިމް ދޮށިމޭނާ ކިލެގެފާނެވެ.
މުންނާރުގެ މަތީ ބުރީގައި ޗެންޗޭނު ޖެހީ ވެސް އިބުރާހިމް ދޮށިމެނޭ ކިލެގެފާނުގެ ސިޔާސީ ބާރުވެރިކަން އޮތް ދުވަސްވަރު އެވެ.
މުންނާރުގެ މަތީގައި ޗެންޗޭނު ޖަހަން ސަރުކާރުން ނިންމައި އެކަން ކުރީ "މުންނާރުން ގޮވަން" ބޮޑޭ ހަސަންފުޅުކޮޔާ ހަވާލުވެފައި އޮތް ދުވަސްވަރު ވަރަށް ގަދަފަދަ ހޮނު ގުގުރި އާއި ބާރު ވަޔާއެކު ވާރޭ އޮއްސަމުންދިޔަ ވިއްސާރަ ރެއެއްގައި މުންނާރަށް އަރައި މުނާޖާ ގޮވަން ހަސަންފުޅު ހުންނަވަނިކޮށް އިންތިހާއަށް ވައިބާރުވެ އޭނާ އަރި އަޅައިލުމުން، މުންނާރުގެ މަތިން ނުރައްކާތެރި ހާދިސާއެއް އަތުވެދާނެ ކަމަށް ބަލައިގެން ސަލާމަތީ ފަށަލައެއް ލުމުގެ ގޮތުންނެވެ. -- މުންނާރުގެ ތިރީ ބަރަފޯހުގައި ޖެހި ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގައި މީހެއްގެ ސިކުންޑި ފާރަށް ޗިސްޗިސްވެ މަރުވެފައި ވެއެވެ.
މުންނާރުގެ ތިރީބުރީގައި ޗެންޗޭނުން ޖެހީ އޭގެ މާފަހުން ދިވެހި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ހަސަން ފަރީދު ސަރުކާރު ހިންގެވި ދުވަސްވަރު ޝައިހު އިބުރާހިމް ރުޝްދީ "ޕަބްލިކް އެންޑޯމަންޓް މިނިސްޓްރީ" ނުވަތަ ވުޒާރަތުލް އައުގާފުގެ މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުންނެވެ.
މުންނާރުގެ ތިރީގައިވާ ހަރުފަތް ބަރީގެ ފުޅާމިނަކީ އެއް ފޫޓު ތިން އިންޗި އެވެ. އެތެރެއަށް ވަންނަ އުތުރު ފަރާތަށް ވާގޮތަށް ހުންނަ ދޮރު ކައިރީގައި ވަނީ ހަތަރުގަނޑު ހަރުފަތެވެ. އެއީ ގަލުގެ ހަރުފަތްތަކެކެވެ. ތިރީ ބުރީގައި 34 ގަނޑު ހަރުފަތާއި މަތީބުރީގައިވާ 15 ހަރުފަތްގަނޑެވެ. އެ ހަރުފަތްތަކުން މައްޗަށް އެރޭނީ އެއް ރިޔަނުގެ ފުޅާ މަގަކުން އެނބުރެމުންނެވެ. މުޅިން ވެސް 15 އިންޗީގެ ބޯމިން ހުރި ހިރިގަލުން ހަދާފައިވާ މުންނާރަށް ވަންނަ ހުންނަ ދޮރުގެ ފުޅާމިނަކީ ދެ ފޫޓު ދެ އިންޗި އެވެ. އުސްމިން ލިބެނީ ހަ ފޫޓު ހަ އިންޗިއަށެވެ.