ދީނީ އިލްމުވެރިން

ރައީސްގެ ފަރާތުން އިވުނީ އުންމީދީ ވާހަކަތަކެއް: އިލްމުވެރިން

ދީނީ އިލްމުވެރިންނާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ބައްދަލްވުމުގައި، ރައީސްގެ ފަރާތްޕުޅުން އިވިވަޑައިގަތީ ވަރަށް އުންމީދީ ވާހަކަތަކެއް ކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިލްމުވެރިން ވިދާޅުވެއްޖެ އެވެ.

މިއަދުގެ ބައްދަލްވުމާ ގުޅޭގޮތުން އަވަސްއާ ވާހަކަފުޅު ދައްކަވަމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވީ އެ ބައްދަލްވުމުގައި ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް އެއްސެވި ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށް އިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޕޯޓާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ މި މައްސަލަ ހައްލު ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމުގެ މުހިންމު ކަމާ ގުޅޭގޮތުން އިލްމުވެރިން ރައީސަށް މިއަދު މަޝްވަރާ އަރުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެއްކި ހުރިހާ ވާހަކައެއް ރައީސް އެއްސެވި. ބޭނުންވާ ހުރިހާ ވާހަކައެއް ދެއްކުމަށް ފުުރުސަތު ދެއްވި. އަދި ޚާއްސަކޮށް އެމްޑީއެންގެ ރިޕޯޓް މައްސަލާގައި ފިޔަވަޅު ނާޅުއްވާ ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި." އިޔާޒް ވިދާޅުވި އެވެ.

ސޯޅަ އިލްމުވެރިއަކު ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލްވުމުގައި އިލްމުވެރިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވީ ކޮންމެ މައްސަލައެއްގައި ވެސް އެންމެ ހެޔޮ ގޮތް ބުނެދެއްވުމުގައި އިލްމުވެރިން ދެމި ތިއްބެވުމަށެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކޮށް އެއްވެސް ކަމެއް ކުރުމުގެ ފުުރުސަތު ސަރުކާރުން ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވި އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ.

ބަޔާނެއް މެދުވެރިކޮށް ވިދާޅުވީ ގާނޫނު އަސާސީީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާ އިސްލާމްދީނަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންވެފައިވާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ އެ ދީން ހިމާޔަތް ކުރުމަކީ ދިވެހި ރާއްޖޭގެ އެންމެ މަތީވެރިޔާއަށް ގާނޫނު އަސާސީން ލާޒިމު ކޮށްފައިވާ ކަމެއް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ މި މަތިވެރި ޒިންމާ އަދާ ކުރުން މަތީ ދެމި ހުރުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2015 ވަނަ އަހަރު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައި ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.

މި މައްސަލަ ބަލައި، ދިވެހި މުޖްތަމައުގައި ގާއިމުވެފައި މި އޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،
އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލްޖުމްހޫރިއްޔާ

އަދި ދީނީ ޝިއާރު ފާޅުކުރުމާއި، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖްތަމައުގެ މަސްލަހަތު އިސްކޮށް އިސްލާމް ދީނުގެ މަތިވެރި އަސާސްތަކާއި ޚިލާފުނުވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައި ކަންކަން

  • މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުން
  • ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރުކުރުން
  • ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސްފުޅުތަކުގައިވާ ކަންކަމުގައި ޝައްކު އުފައްދައި އެބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުން
  • ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ޙަޤީޤަތެއް ނޫން ކަމަށް ބުނުން
  • ހައްދުފަހަނައެޅުމާއި ތަކުފީރީ ފިކުރަށް ހަދޫސް ތަކުގައި ބާރުއަޅާފައިވާކަމަށް ބުނެ، އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވުން އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ލޯބިވާން ޖެހޭނެކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ހާމަކޮށްފައި ވުން
  • އެކަލޭގެފާނަށް ފާޑުކިޔުމީ ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމުގައި ބުނެފައި އޮތުން
  • ރާއްޖޭގެ އިސްލާމީ މުގައްރަރު ކިޔަވާ ކުދިންގެ ހިތުގައި އިސްލާމީ ޢަޤީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
  • ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔުން
  • ޒިނޭއާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ފާޑުކިޔުން
  • އިސްލާމް މުގައްރަރުގެ ސަބަބުން "އިންޓަފެއިތް ޑައިލޮގު" (ހުރިހާ ދީންތައް އެއްކުރުމަށް ގޮވޭގޮވުންތަކަށް) ހުރަސްއެޅޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުން
  • އިސްލާމް ދީނަށް ލޯބި ޖައްސުވާގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އެކުދިން އުޅޭނެ ދީނެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އެކުދިންނަށް ދޭން ޖެހޭނެކަމަށް ބުނުމާއި، އިސްލާމް މުގައްރަރުން އެކުދިން ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ބުނެ ފާޑުކިޔުން
  • އަހުމަދީ ގާދިޔާނިއްޔާއަކީ އިނގިރޭސީން އުފައްދާފައިވާ ކުފުރުގެ މަޒުހަބެއްކަމުގައި އޮތުމުން ދަރިވަރުންނަށް "ތަކްފީރު" ކުރަން ދަސްކޮށްދޭ ކަމަށް ބުނުމާއި، އެކަމުގެ ސަބަބުން ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރު ދަރިވަރުންގެ ހިތުގައި އުފެދޭކަމުގައި ބުނުން
  • ސުންނީ އިސްލާމަކީ ހަމައެކަނި ޞައްޙަ މަޛުހަބުކަމުގައި އުނގަންނައިދީ، މަގުފުރެދިފައިވާ އެހެނިހެން ފިކުރުތަކަށް ފުރުސަތު ނުދިނުމާއި، ސޫފިޒަމްއާއި ޝީއީންގެ އަގީދާއާ ގުޅޭ ތައުވީލުތައް އެއްގޮތަކަށްވެސް އުނގަންނައި ނުދޭތީ ކަންބޮޑުވުން
  • ޔަހޫދީންގެ ނުބައިކަމުގެ ވާހަކައާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރުމަށް ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާންކޮށްފައިވާތީ ކަންބޮޑުވެ ފާޑުކިޔާފައިވުން
  • މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގާފައިވާ އަދި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަ އިސްލާމީ ތާރީޚާ ބެހޭ ފިލާވަޅުތަކުގައި ހުރުމީ ރުޅިވެރިކަމާއި ނަފުރަތު އުފައްދާކަމެއް ކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
  • ހުޅަނގުގެ ފިކުރީ ހަނގުރާމައަކީ އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމުގައި އޮތުމުން ދަރިވަރުންގެ ހިތްތަކުގައި "ތަކްފީރީ" ފިކުރު އުފައްދާކަމުގައި ބުނުން
  • ޑިމޮކްރަސީ އަށްވުރެ އިސްލާމީ ޝަރީއަތް އިންސާނިއްޔަތަށް ރަނގަޅުވެގެންވާކަމުގައި ބުނެފައި އޮތުމުން އެކަމަށް އިންކާރުކުރުން
  • ހިޔުމަން ރައިޓްސް އެންމެ ފުރިހަމައަށް އޮތީ އިސްލާމް ދީނުގައިއޭ ބުނެފައި އޮތުމުން އެކަމަށް ފާޑުކިޔުން
  • ހައްދުތަކާއި ގިސާސްއާއި މަރުގެ ޙުކުމާގުޅޭ ގޮތުން ހުރި ފިލާވަޅުތަކަށް ފާޑުކިޔުން
  • އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ޞިފަކުރުން
  • އިސްލާމްދީނަކީ ސުލްހަވެރި ދީނެއް ނޫންކަމަށް ދޭހަވާ މޭރުމުން މުޅި ބަޔާނުގެ ރާގު ބައްޓަންކޮށްފައިވުން
  • ހުކުރު ހުތުބާތަކުގައި ނަރަކައާއި ކަށްވަޅާއި، ޢަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެސަބަބުން ބިރުވެރިކަން އުފެދޭކަމުގައި ބުނެ އެކަމަށް ފާޑުކިޔުން
  • އިންސާނީ އެހެނިހެން ނަޡަރިއްޔާތަކާއި އައިޑިއޮލޮޖީފަދައިން އިސްލާމްދީނަކީ ޚިޔާލީ ފުލޯކުތަކެއްގެ މައްޗަށް ބިނާވެފައިވާ ފިކުރެއްކަމުގައި ވިސްނައިދިނުމަށް މުޅިރިޕޯޓް ފަރުމާކޮށްފައިވުން
  • ﷲ އާއި ރަސޫލާ صلى الله عليه وسلم އަކީ މުޤައްދަސްކަން ދޭންޖެހޭ 2ފަރާތް ނޫންކަމުގައި ވިސްނައިދިނުމަށް މަސައްކަތްކޮށްފައިވުން