ދީނީ އިލްމުވެރިން

އިލްމުވެރިންގެ އިލްތިމާސް: އެމްޑީއެން އުވާލުން އަވަސްކުރޭ

އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓް ނެރުނު މައްސަލައާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން އަވަސްކޮށް، އެ ޖަމިއްޔާ އުވާލުމަށް ދީނީ އިލްމުވެރިން ގޮވާލައްވައިފި އެވެ.

އިލްމުވެރިން މިކަމަށް ގޮވާލައްވާފައި ވަނީ "އިލްމުވެރިންގެ ގުޅުން" މިނަމުގައި ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ އިލްމުވެރިން މިއަދު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ. ނޫސްވެރިންނާއެކު ބޭއްވި އެ ބައްދަލްވުމުގައި ދީނީ އިލްމުވެރިން ޝާމިލްވާ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކެއް ވެސް ތަމްސީލްކޮށްފައި ވެއެވެ.

އެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ އިސްލާމްދީނާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަމެއް ބަޔަކު ކުރުމުން ކޮންމެ މުސްލިމަކު ވެސް ލޭ ހޫނުވެ، ޖަޒުބާތުގައި ޖެހޭނެ ކަމަށެވެ.

"ހިތަށް އަސަރު ކޮށްގެން ޖަޒުބާތުގައި ޖެހި މި ވާހަކަތައް ދައްކަންޖެހޭ ސަބަބަކީ މިއީ އީމާނާ ގުޅިފައިވާ ކަމަކަށްވާތީ، މިއީ ހިތުގެ ވިންދާއި ގުޅިފައިވާ ކަމެއް، މިއީ ވަކި ނުކުރެވޭނެ ކަމެއް، މުއުމިނަކަށް ވެއްޖެނަމަ އެމީހެއްގެ ދުލުން މިފަދަ ވާހަކަތަކެއް ބޭރުވެގެން ނުވާނެ،" އިލްތިމާސް ވިދާޅުވި އެވެ.

ނަމަވެސް އިލްޔާސް ވިދާޅުވީ މުސްލިމުންގެ ލޭ ކެކިގެން ނޭދެވޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާ އެއީ މުސްލިމުންގެ ސިފައެއް ނޫން ކަމަށެވެ.

އިލްޔާސް ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ނަޒަރުގައި ވެސް، އަދި ގާނޫނީ ހަމަތަކުން ބެލި ނަމަވެސް އެމްޑީއެންއިން ކޮށްފައިވަނީ ކުށެއް ކަމަށެވެ. އެހެން ކަމުން އެކުށަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓް ބަޔަކު ދިފާއު ކުރާނަމަ އެބަޔަކު ވެސް އެ ކުރަނީ ކުށެއް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ "އޮއްބާލަން" މަސައްކަތް ކުރި ނަމަވެސް އެކަން ނުވާނެ ކަމަށެވެ. އަދި ދީނުގެ ދިފާއުގައި އިލްމުވެރިން މަސައްކަތް ކުރުމުގައި ދެމި ތިއްބަވާނެ ކަމަށެވެ.

ނޫސްވެރިންގެ އެ ބައްދަލްވުމުގައި އިލްމުވެރިން ވަނީ ތިން އިލްތިމާސެއް ކުރައްވާފަ އެވެ. އެގޮތުން ދައުލަތުގެ އިދާރާތަކާއި، އިލްމުވެރިންނަށާއި، ރައްޔިތުންނަށް ވަނީ އިލްތިމާސްތަކެއް ކުރައްވާފަ އެވެ.

އިދާރާތަކަށް ކުރި އިލްތިމާސް

  • އިސްލާމީ އުސޫލުތައް ނަގަހައްޓާ ހިމާޔަތް ކުރުން
  • ދީނާ ދެކޮޅަށް ހިންގާ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ވަގުތުން ވަގުތަށް ކުުރުން
  • ދީނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ފިޔަވަޅު އެޅުމުގައި ފަސް ނުޖެހުން
  • އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ކުރާ ކޮންމެ މަސައްކަތަށް އެއްބާރުލުން ދިނުން
  • ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް ދިނުން
  • އިސްލާމްދީނާ ހިލާފު ކޮންމެ ކަމަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެމްޑީއެން އުވާލުން

އިލްމުވެރިންނަށް ކުރި އިލްތިމާސް

  • ދީނާ ދެކޮޅަށް ހިންގޭ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުން
  • އެ މަސައްކަތުގައި ހުރިހާ އިލްމުވެރިން އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިއްބެވުން
  • ރައްޔިތުންނަށް ހެޔޮ ގޮތް އަންގައިދޭން ކުރަންޖެހޭ ކޮންމެ ކަމެއް ކޮންމެ އިލްމުވެރިއަކު ކުރެއްވުން

ރައްޔިތުންނަށް ކުރި އިލްތިމާސް

  • ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުުރުން
  • ދީނީ ތައުލީމު އޭގެ އެންމެ ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދިނުން
  • އިސްލާމީ އުސޫލުތަކަށް ދަރިންގެ ހިތުގައި ލޯބި ޖެއްސުމަށް މަސައްކަތް ކުރުން

އިލްމުވެރިން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ އިސްލާމްދީނާ ދިވެހި ގައުމަށް ކުރިމަތިވެގެން ދިޔަ ވަރުގަދަ އުދުވާނެއް ކަމަށެވެ. އެހެން ކަމުން އެ އުދުވާނުން ސަލާމަތް ވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް އިލްތިމާސްކޮށް ހަނދާންކޮށްދޭ ކަމަށެވެ.

އަދި ރާއްޖެއަކީ އަމާންތަކެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އިލްމުވެރިން ވަނީ ގޮވާލައްވާފަ އެވެ. އަދި ނޫސްވެރިންގެ މި ބައްދަލްވުމުގައި އެމްޑީއެންގެ ރިޕޯޓްގައިވާ މައްސަލަތައް އިލްމުވެރިން ވަނީ ފާހަގަ ކޮށްދެއްވާފަ އެވެ.

"އިލްމުވެރިންގެ ގުޅުން" މި ނަމުގައި އުފެދިގެންދިޔަ މި ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި އެ ހަރަކާތުގައި އެކި ފިކުރުގެ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވާ ކަމީ އެކަމުގެ ދަލީލެއް ކަމަށް އިލްމުވެރިން މިއަދު ވިދާޅުވި އެވެ. އަދި ވަކި ސިޔާސީ ލީޑަރަކަށް ނުވަތަ ވަކި ސަރުކާރަށް އަމާޒުކޮށް އެ ހަރަކާތުން ވާހަކަ ނުދައްކާނެ ކަމަށްވެސް އިލްމުވެރީން ޔަގީންކަން ދެއްވި އެވެ.

އިލްމުވެރިން ވިދާޅުވީ އެމްޑީއެންގެ ފަރާތުން ހިންގާފައިވަނީ ދީނީ ގޮތުންނާއި، ގާނޫނީ ގޮތުން ވެސް ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެ ހަރަކާތުގެ ބޭނުމަކީ ރައްޔިތުންނަށް އެކަންކަން ހާމަކޮށް ދިނުން ކަމަށެވެ. އަދި މިއީ ގާނޫނީ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތްތަކުން ދޫކޮށްލައިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.