ހަބަރު

"ހަރުކަށި ދެ ފިކުރަށް ހޯދަންޖެހެނީ މެދުމިނުގެ ސުލްހަވެރި ހައްލެއް"

އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފިކުރެއްގެ އިތުރުން އިސްލާމް ދީނާ ކަނޑައެޅިގެން ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށާއި، އެ ދެ މައްސަލައަށް މެދުމިނުގެ ސުލްހަވެރި ހައްލެއް ހޯދަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމެނިފައިވާތީވެ އެ މައްސަލައާ ގުޅިގެން މިއަދުގެ ޖަލްސާއަށް ހުށަހެޅުނު ކުއްލި މައްސަލަ ބަލައި ނުގަތުމަށް މެންބަރުން ފާސް ކުރުމާއެކު، ނަޝީދު ވިދާޅުވީ އޭގެ ކުރީ ދުވަހު ވެސް އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ މެދުގައި ތިން ގަޑިއިރުގެ ބަހުސެއް ކުރި ކަމަށެވެ.

އިއްޔެގެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ދެއްކެވި ވާހަކަތަކުގައި މައިގަނޑު ތިން ކަމެއް ރިޔާސަތަށް ފާހަގަ ކުރެވުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން، އެމްޑީއެން ރިޕޯޓުގައި ބޭނުން ކޮށްފައިވާ ބަހުރުވައަކީ ރަސޫލާއާބެހޭ ގޮތުން ބޭނުންކުރަން އެންމެ ރަނގަޅު ބަހުރުވަ ނޫން ކަމާއި އެ ބަހުރުވައިގެ ސަބަބުން ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަވާ ކަމަށް ހުރިހާ މެންބަރުން ވެސް އިއްތިފާގުވާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި އިސްލާމް ދީނާ ގުޅޭ ގޮތުން އެފަދަ ދިރާސާއެއް ކުރެވޭނީ ދީނީ އިލްމުވެރިންގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކުގެ އިތުރުން، މީހުން ހަނގުރާމައަށް ފޮނުވުމަށް ރާވާ ހިންގުމާއި، މީހުން މެރުން ފަދަ ބޮޑެތި ޖިނާއީ ކުށްތައް ހިންގާ ބަޔަކު ބަލާ ހޯދަންޖެހޭ ކަމެއްގެ ގޮތުގައި މެންބަރުން ފާހަގަ ކުރެއްވި ކަމަށެވެ.

އެ ކަންތައްތަކާ ގުޅިގެން އިއްޔެ ބަހުސް ނިމުމާއެކު އިސްލާމިކް މިނިސްޓަރުގެ އިތުރުން ހޯމް މިނިސްޓަރާއި އެޑިޔުކޭޝަން މިނިސްޓަރު އަދި އެމްޑީއެންގެ ބޭފުޅުންނާ ގުޅުއްވި ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

"އަޅުގަނޑުގެ ބޭނުމަކަށްވީ، އެމްޑީއެނަށް ވެސް އަދި ރާއްޖޭގެ އެހެން ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އަދި އެހެން ޒުވާނުންނަށް ވެސް ސާފުވާން އެބަޖެހޭ، ދީނީ ކަންކަމާ ގުޅޭގޮތުން ކޮންގޮތަކަށް ބަސްތައް ބޭނުންކުރެވުނީމަތޯ މުއާމަލާތް ކުރެވުނީމަތޯ އެހެން މީހުން އެކަމާ ކަންބޮޑުވެ ނަފްރަތު އުފެދި ހިތްހަމަ ނުޖެހުން މި ދަރަޖައަށް އުފުލިގެން މިދަނީ،" ނަޝީދު ހާމަކުރެއްވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މީގެ ކުރިން ވެސް ދީނާ ގުޅުވައިގެން މީހުން މަރާލާފައިވާއިރު، އެ ރިޕޯޓާ ގުޅިގެން އެމްޑީއެންގެ މެންބަރުންނަށް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް ބުނެ އެ ޖަމިއްޔާގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި ހަމަ އެގޮތަށް އިސްލާމް ދީނާ ދެކޮޅަށް، އިސްލާމް ދީން ބަލައިނުގަތުމަށް އަދި އަގީދާ ދިވެހިންގެ ހިތްތަކުގައި ވަރުގަދަ ވިޔަ ނުދިނުމަށް ގަސްދުގައި ކަނޑައެޅިގެން ބަޔަކު މަސައްކަތް ކުރާ ކަމަށް ކިތަންމެ މެންބަރުންނެއް ފާހަގަ ކުރައްވައިފި،" ނަޝީދު ވިދާޅުވި އެވެ.

އެގޮތުން، މި ދެ މައްސަލަ ވެސް މަޖިލީހުން ބަލައި، ހައްލު ކުރެވޭނެ ސުލްހަވެރި މެދުމިނުގެ ހައްލެއް ހޯދަންޖެހޭކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އެ ދެ މައްސަލަ އާ ގުޅޭގޮތުން މިތަނުގައި އަޅުގަނޑު ގަސްދުކުރަން މިނިސްޓަރުންނާ ވާހަކަ ދައްކައިގެން ކަންކަން ކުރިއަށް ގެންދާނެ ސުލްހަވެރި، ރީތި، ހަމަޖެހޭ، މެދުމިނުގެ ގޮތެއް އަޅުގަނޑުމެން ހޯދަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދެ ފަރާތުން ވެސް އަނިޔާކުރުމާއި ނައްތާލުމުގެ އިންޒާރުތައް ބަދަލު ކުރަމުން ގެންދިއުމަކީ ގައުމެއްގެ ގޮތުގައި އެއް ގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު އެ ރިޕޯޓްގައި ހަރުކަށި ވިސްނުމަށް ބާރު އަޅާ ކަންކަން ތައުލީމީ ނިޒާމުގައި ހިމެނޭ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޤުރްއާންގެ ބައެއް އާޔަތްތަކާއި ރަސޫލާގެ ހަދީސް ބަސްފުޅުތައް ވެސް ހިމަނާފައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވިއިރު، އެ ޖަމިއްޔާގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި އާއިޝަތު ނޫޝިން ވަހީދު ގެންދަވަނީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އެމްޑީއެން އިން އޭނާ އިސްތިއުފާ ދެއްވީ ވެސް އެ ޖަމިއްޔާގެ ރިޕޯޓްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އެ ޖަމިއްޔާއަށް އަމާޒުވެފައިވާއިރު، އެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ބައެއް ދީނީ އިލްމުވެރިން ވަނީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް ސޯލިހު ވަނީ އެކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.