ރިޕޯޓް

މަޖިލިހުން ބިލް ޑްރާފްޓް ކުރުން: ސަރުކާރާއި މަޖިލީހުގެ ކޯޅުމަށް އިތުރުބޮޅެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވި ފަހުން ސަރުކާރާއި، މަޖިލިހާއިމެދު ވާދަވެރި ކަމެއް އުފެދި ކޮންމެވެސް ވަރެއްގެ ކޯޅުންތަކެއް ވަނީ އުފެދިފަ އެވެ.

އެ ކޯޅުންތަކާއި އެކު މަޖިލީހުގައި ނަޝީދު އަމަލު ކުރައްވާ ގޮތުން ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް އެމަނިކުފާނު އަތް ލައްވަން މަސައްކަތް ކުރައްވާ ކަމަށް އިދިކޮޅު މެމްބަރުންނާއި، އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ތުހުމަތުތައް ކުރައްވަ އެވެ. އެ ތުހުމަތުތަކަށް އިތުރަށް ބާރު ލިބިގެން މިދިޔައީ، ސަރުކާރުގެ ފަރާތުން މަޖިލީހުގެ މި ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ މަސައްކަތް މަޖިލިސް ރައީސް ނަޝީދުގެ އިރުޝާދާއެކު މަޖިލީހުން ފަށައިގަތުމުން ނެވެ.

މީގެ ކުރީގެ ހުރިހާ ސަރުކާރަކުން ވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަކީ ސަރުކާރުގެ ފަރާތުން ގާނޫނުތައް ހެދުމަށްޓަކައި މަޖިލީހަށް ހުށަހަޅަނީ ދައުލަތުގެ ބަންޑާރަނައިބެވެ.

މަޖިލީހުން އެ މަސައްކަތް ފެށުމުން ބަންޑާރަ ނައިބާއި، ދައުލަތުގެ ބައެއް ވަޒީރުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންމެން ވެސް ފާހަގަ ކުރަނީ އެކަމަކީ ބަންޑާރަ ނައިބުގެ އޮފީހުގެ މަސައްކަތެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް، ރައީސް ނަޝީދު ހުންނެވީ އެކަމުގައި ދޫދެއްވާ ގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ. އެއީ ގާނޫނު އަސާސީއިން މަޖިލީހަށް ލިބިދީފައިވާ ބާރެކެވެ. މަޖިލިސް އެހެން އެ ވިދާޅުވީ ބަންޑާރަ ނައިބާއި އެކަމާ ދެކޮޅު ހައްދަވާ އެހެން ވަޒީރުންނަށް ދެއްވި ރައްދެއްގެ ގޮތުގަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް 20 ބިލެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމަނިކުފާނަށް އަންގަވާފައި ވެއެވެ. އަދި އެކަމަށްޓަކައި ފޮނުވި ސިޓީގައި ހިމެނޭ ބިލްތަކުގެ ތެރެއިން، ސީދާ މަޖިލީހަށް އެ ބިލްތަކުގެ މަސައްކަތް ކުުރުމަށް ޖާގަ ނުދެނީ އާމްދަނީއާ ގުޅުން ހުރި ބިލްތަކުގެ މަސައްކަތް އެކަންޏެވެ.

ޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއަކަށް ސަރުކާރުން އެކަމާއި ދެކޮޅު ހެދިޔަސް ބިލް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި މިހާރު ތަން ދެއެވެ. އަދި އެމްޑީޕީއަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ކަމަށްވާތީ އެމްޑީޕީގެ މެމްބަރުންނަކީ ސަރުކާރު މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުމާއި މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒު ކުރާނެ ހަމަތައް ބަޔާން ކުރާ އެއް ވަސީލަތެވެ. އަދި "ނަޒާހަތްތެރި މަޖިލީހަކުން" އެ ފުރުސަތު ސަރުކާރަށް ފަހި ކޮށްދޭން ޖެހޭނެ އެވެ.

ނަޒާހަތްތެރި މަޖިލީހަކުން އެ ފުރުސަތު ސަރުކާރަށް ފަހި ކޮށްދޭނެ ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވާ އިރު، ރައީސް ނަޝީދު ވިދާޅުވަނީ މަޖިލީހުން އެ މަސައްކަތް ކުރިޔަށް ގެންދަން ސަރުކާރަށް ހުރަސް ނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް ރައީސް ވިދާޅުވާ ގޮތުގައި ސަރުކާރުން އަޣުލަބިއްޔަތު އޮންނަ ސިޔާސީ ޕާޓީއަށް ހުރަސް އަޅަން އެހެން ގޮތަކަށް ކަންތައް ކުރެއްވި ނަމަވެސް އެ ޕާޓީއަކަށް ބިލް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދު ވަނީ ބަދަލުވެފަ އެވެ.

"އަޣުލަބިއްޔަތު އޮތް މަޖިލީހުގެ މެމްބަރުންނަށް ވައުދުތައް ފުއްދައިދިނުމުގައި، ގާނޫނުތައް ހަދައިދޭން އުނދަގޫވާނެ، ސިޔާސީ ޕާޓީތަކަށް ބިލު ހުށަހެޅޭ ކަމިގައިވަނީނަމަ، ގަވައިދުން ސިޔާސީ ޕާޓީތަކަށް ބިލު ހުށަހެޅޭ ގޮތަށް ބަދަލުވެފައި އެވަނީ މިދެންނެވި، ބޮޑު ފުށުއެރުން ފޫބެއްދުމުގެ ބޭނުމުގައި. މިހާރު އާ ގަވައިދުގައި އަގުލަބިއްޔަތު އޮންނަ ޕާޓީއަކަށް ބިލު ހުށަހެޅޭނެ. އެ ޕާޓީއަކަށް ހުރަސްއެޅުމަށް ސަރުކާރު އެހެން ގޮތަކަށް އޮތް ކަމުގައިވީ ނަމަވެސް" ނަޝީދު ވިދާޅުވި އެވެ.

ބަންޑާރަ ނައިބް ކުރެއްވި ޓުވީޓް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި، މަޖިލީހާއި މެދު ކޯޅުންތަކެއް އުފެދިފައިވަނީ، ރައީސް މުހައްމަދު ނަޝީދުގެ ވަކި ސިޔާސީ އެޖެންޑާއެއް ހާސިލް ކުރަން ކުރަމުންގެންދާ މަސައްކަތްތަކެއްގެ ތެރެއިން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދިރައިސް ސޯލިހާއި ނަޝީދާއި މެދުވެސް ހިތްހަމަނުޖެހުންތަކެއް އުޅޭކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

މަޖިލީހުގެ ރައީސަކަށް ރައީސް ސޯލިހު ގެންނަން ބޭނުންފުޅުވި ބޭފުޅަކާއި، ރައީސް ނަޝީގެ ގެންނަން ބޭނުންފުޅުވި ބޭފުޅަކު ހުންނެވުމުން އެންމެ ފަހުން އެ ކޯޅުންގަނޑު ނިމުނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމުންނެވެ. އަދި މިވަތުތު ވެސް ސަރުކާރުގެ އާއި ދައުލަތުގެ މުއައްސަސާތަކަކަށް މެމްބަރުން އައްޔަން ކުރަންޖެހޭ އިރު، އެކަންކަންވެސް ނުވެފައިވަނީ ރައީސް ނަޝީދާއި، ރައީސް ސޯލިހު އަށް އެއްގަލަކަށް ނޭރިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.