ހަބަރު

އައިޓީއެފްސީއާއެކު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސް އެއްބަސްވުމެއް

Oct 9, 2019

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖެއާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވާކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ތެޔޮ މިހާރު ވެސް ފައިނޭންސް ކޮށްދޭ އައިޓީއެފްސީއާއެކު މިއަދު ސޮއި ކުރީ ރާއްޖޭގެ ވިޔަފާރިއާ އިގުތިސޯދު ކުރިއެރުވުމަށް ރާއްޖެއަށް އެތެރެކުރާ ތެލަށް 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

ކުރުނބާ މޯލްޑިވްސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުމުގެ ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ސީއީއޯ ހާނީ ސަލީމް ސޮންބޯލް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ތެލުގެ 80 ޕަސަންޓް ގައި އައިޓީއެފްސީން އެހީ ހިމެނޭ ކަމަށެވެ.

"މިއަދު ސޮއި ކުރެވިގެން ދިޔައީ 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ނަމަވެސް، އެއީ ހަގީގަތުގައި އަގު ނުކުރެވޭނެ ވަރުގެ އެހީއެއް. ސަބަބަކީ ރާއްޖެއަށް ކޮންމެހެން ބޭނުންޖެހޭ ހާލަތްތަކުގައި އައިޓީއެފްސީން ދެމުންދާ އެހީތެރިކަމަށް އަގެއް ކަނޑަ ނޭޅޭނެ،" އަމީރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުކީ ސަރުކާރުގެ މައި އަމާޒެއް ކަމަށާއި، އެކަން ހާސިލް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި އިގުތިސޯދު ރަނގަޅުކުރުން ނޫން ކަމަށާއި، ރައްޔިތުންގެ އާއްމު ދިރިއުޅުމަށްވެސް ހެޔޮ ބަދަލުތައް އަންނަންޖެހޭކަމަށް އަމީރު ވިދާޅުވި އެވެ.

އަދި މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން، ޓޫރިޒަމާއި، މަސްވެރިކަމާއި އަދި އިމްޕޯޓް އެކްސްޕޯޓް ތަރައްގީ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދުވެލި އިތުރަށް އަވަސްވެގެން ގޮސްފައިވާ ކަމަށެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން އައިޓީއެފްސީގެ ސީއީއޯ ސޮންބޯލް ވިދާޅުވީ ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖެއަށް ތެޔޮ ސަޕްލައިވެފައިއޮތުމަކީ އިގިތިސޯދުގެ މައި ނާރުކަމަށްވާ ޓޫރިޒަމާއި މަސްވެރިކަމަށް ކޮންމެހެން މުހިންމުކަމެއް ކަމަށެވެ.

އަދި ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއެކު މަޝްވަރާކުރެވިފައިވާކަމަށް ސޮންބޯލް ވިދާޅުވި އެވެ.

އައިޑީބީގެ ދަށުން 2008 ވަނަ އަހަރު އައިޓީއެފްސީ އުފެދި، އިސްލާމީ ގިނަ ގައުމުތަކަށް ދަނީ ފައިނޭންސިންގްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.