ހަބަރު

ޔޫރަޕުގެ ވިޔަފާރިތަކަށް ރައްކާތެރި ކަމުގެ ޔަގީންކަން ދީފި

Oct 9, 2019

ރާއްޖޭގައި އިންވެސްޓްކުރާ ޔޫރަޕް ކުންފުނިތަކަށް ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުގެ ފަރާތުން ދީފި އެވެ.

ރާއްޖޭގައި ޔޫރަޕް އިންވެސްޓަރުން އިތުރުކޮށް ޔޫރަޕް ގައުމުތަކާއެކު ވިޔަފާރި ފުޅާ ކުރާނެ ގޮތް ތަކާ ގުޅޭ ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުމަށްފަހު ދެ ފަރާތް ގުޅިގެން ނެރުނު ބަޔާނެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަކީ ރާއްޖެއަށް މުހިއްމު ބައިވެރިއެއް ކަމަށާއި، އެ ބައްދަލުވުމަކީ އެ ގުޅުން ހަރުދަނާ ކުރުމަށް އެޅިގެންދިޔަ އިތުރު ފިިޔަވަޅެއް ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓް ކުރާ އީޔޫގެ ވިޔަފާރިވެރިންނަށާއި، އިންވެސްޓަރުންނަށް ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުގެ ފަރާތުން އަރުވަން،" އެ ބަޔާނުގައި ފައްޔާޒް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ވަފުދަކާއެކު "އިންވެސްޓިން އިން ދަ މޯލްޑިވްސް" ނަމުގައި ހޮޓެލް ޖެން ގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި އިންވެސްޓް ކުރުމުގައި އާއި ޓްރޭޑް ކުރުމުގައި ރަނގަޅުކުރަން ރާއްޖޭން ވިސްނާ ކަންކަމާއި ދިމާވާ ބައެއް ދަތިތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އިކޮނޮމިކް އޯވާ ވިއު އަކާއެކު ޔޫރަޕް ގައުމުތަކުން ރާއްޖެ އަށް އިންވެސްޓް ކުރާނެ ފުރުސަތުތައް ޕްރެޒެންޓޭޝަންގެ އެހީގައި ދައްކުވައިދީފައިވެ އެވެ.

އެ ބައްދަލުވުމުގައި ކޯޗެއާއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އީޔޫން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުންގްލައީ މާގް ވިދާޅުވީ މި ބައްދަލުވުމަކީ ރާއްޖެއާއި ޔޫރަޕާ ދެމެދު އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ އިތުރު ދޮރުތައް ހުޅުވިގެންދާނެ ބިންގަލެއްކަމުގައި އުއްމީދު ކުރައްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު އިންވެސްޓްކޮށްފައި ތިބި ޔޫރަޕް އިންވެސްޓަރުންގެ އިތުރުން އެކި އިންވެސްޓަރުންވެސް ބައިވެރިވެފައިވެ އެވެ. އަދި މުސްތަގުބަލުގައިވެސް މިފަދަ ބައްދަލުވުންތައް ބާއްވަމުން ގެންދަން ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.